ޗައިނާ އިން އެގައުމުގެ ސަރަހައްދުތައް ކަނޑައަޅައި، ގައުމުގެ ޗާޓުން އަލުން ކެރުހުމަށްފަހު އާއްމު ކުރުމުން އަވައްޓެރި ގައުމުތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އެޗާޓާއި ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު އަލުން ކުރަހައި ޗައިނާ އިން ހުށަހެޅި ޗާޓާއި ދެކޮޅުކަން މެލޭޝިއާ، ފިލިޕީންސް އަދި އިންޑިއާ އިން ވެސް ވަނީ ހާމަކޮށްފައެވެ.

2006 ވަނަ އަހަރުން ފެށިގެން ޗައިނާ އިން އެގައުމުގެ ޗާޓް "އިތުރަށް ފުރިހަމަ ކުރުމަށްފަހު" އަންނަނީ އާއްމު ކުރަމުންނެވެ. ޗައިނާ އިން ބުނާ ގޮތުގައި އެގައުމުގެ ޗާޓަށް ބަދަލު ގެންނަނީ ކުރިން ހުރި ޗާޓްތަކުގައި މައްސަލަތައް ހުންނާތީއެވެ.

މެލޭޝިޔާގެ ބޯނިއޯ ޖަޒީރާގެ އައްސޭރިފަށުގެ ބޮޑު ބައެއް ވެސް، ޗައިނާ އިން އަލަށް ކުރެހި ޗާޓުގައި ފާހަގަކޮށްފައި އޮތީ ޗައިނާގެ ކަނޑުގެ ސަރަހައްދުގެ ގޮތުގަ އެވެ. އެހެންވެ މެލޭޝިއާ އިން ވަނީ ޗައިނާގެ ޗާޓަކީ ޣައިރު ޤާނޫނީ ޗާޓެއް ކަމަށް ބުނެފައެވެ.

ފިލިޕީންސުން ބުނީ ޗައިނާގެ ޗާޓަކީ އެގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.

ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިން ޕިން 2012 ވަނަ އަހަރު ޗައިނާގެ ވެރިކަމަށް ވަޑައިގެންނެވިފަހުން ޗައިނާގެ ހާރިޖީ ސިޔާސަތާއި އަދި ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ދިއުމަށް ގެންގުޅުއްވަން ފެއްޓެވި ސިޔާސަތުތަކުގެ ސަބަބުން ޗައިނާގެ އެންމެ ބޮޑު އެއް ދުޝްމަނަކަށް ވެފައި ވަނީ އިންޑިއާ އެވެ.

ޗައިނާ އިން އާއްމުކުރި ޗާޓާއިއެކު ވެސް އިންޑިއާ އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އިންޑިއާ އިން ބުނާ ގޮތުގައި އިންޑިއާގެ 2000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ޗައިނާގެ ޗާޓްގައި ވަނީ ފޭރިގެންފައި ކަމަށެވެ.

ޗައިނާ އާއި އިންޑިއާގެ ދެކޮޅުވެރިކަމުގައި މިއަހަރަކީ ފާހަގަ ކުރެވޭ އަހަރެކެވެ. ޖައްމޫ ކަޝްމީރު ސަރަހައްދަކީ އިންޑިއާ އިން ފޭރިގެންފައިވާ ސަރަހައްދެއް ކަމަށް ވިދާޅުވީ ޖީ20 އިސްވެރިންގެ ސަމިޓްގައި ވެސް މިއަހަރު ޗައިނާގެ ރައީސް ޝީ ބައިވެރިއެއް ނުވެއެވެ. އެ ސަމިޓް ބޭއްވީ ކަޝްމީރުގައެވެ. ނަމަވެސް ދެކުނު އެފްރިކާގައި މިދިޔަ ހަފްތާގައި ބޭއްވި ބްރިކްސް ސަމިޓްގައި ޝީ އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުވިއެވެ.