ސްވިޒަލޭންޑްގެ ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި 20 މީހުން މަރުވެއްޖެއެވެ.

ސްވިޒަލޭންޑްގެ ފަރުބަދަ މަތީ ސަރަހައްދަކަށް ފްލައިޓް ގެއްލުނީ އިއްޔެގެ ވަގުތެއްގައެވެ. ދެންމެ ސްވިޒަލޭންޑްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ފްލައިޓް ވެއްޓިފައި ވަނިކޮށް ފެނިއްޖެ ކަމަށާއި ފްލައިޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށެވެ.

މިފްލައިޓް ގެއްލުނީ ސްވިޒަލޭންޑްގެ ދެކުނުގައި އޮންނަ ލޮކާނޯގެ އެއާޕޯޓަކުން ނައްޓާލައިގެން ޒިއުރިކް ކައިރީ އޮންނަ އަަސްކަރީ މަރުކަޒަކަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ފްލައިޓް ވެއްޓުނު އިރު ފްލައިޓްގައި ތިބީ 17 ފަސެންޖަރުންނާއި ތިން ކްރޫ އިންނެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރާއި 84 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެތެރޭގައި އޮސްޓްރިއާގެ ދެމަފިރިއަކާއި އެމީހުންގެ ދަރިފުޅު ހިމެނެއެވެ. ދެން ހިމެނޭ އެންމެންނަކީ ވެސް ސްވިޒަލޭންޑް މީހުންނެވެ.

ވެއްޓިފައިވާ ފްލައިޓްގެ ބައިތައް ފެނުނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 8330 ފޫޓް މަތިން ޕިޒް ސެގްނަސް ނަމަކަށް ކިޔާ ސަރަހައްދަކުންނެވެ. އެއީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ވަރަށް ދުރު ފަރުބަދަ މަތީ ސަރަހައްދެކެވެ.

ސްވިސް އެކްސިޑެންޓް އިންވެސްޓިގޭޝަން ބޯޑުން ބުނީ ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ވެއްޓުނު ފްލައިޓަކީ 80 އަހަރު ވެފައިވާ ފްލައިޓެކެވެ. ކޮންމެ 35 ގަޑިއިރަކުން ފްލައިޓް މަރާމާތު ކުރެއެވެ. މިދިޔަ ޖުލައި މަހު މަރާމާތު ކުރުމަށް ފަހު އިއްޔެ ދަތުރަށް ފެށިއިރު ފްލައިޓްގެ ހާލަތު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. ފްލައިޓް ދުއްވަން ތިބި ދެޕައިލެޓުންނަކީ ވެސް ތަޖުރިބާކާރު ދެޕައިލެޓުންނެވެ.

މިފްލައިޓަކީ ވަރަށް ކުރީގެ ފްލައިޓަކަށް ވާތީ ފްލައިޓްގައި ބްލެކް ބޮކްސް އެއް ނެތެވެ. ނަމަވެސް ޒަމާނީ ޑޭޓާ ރެކޯޑިން ޑިވައިސްއެއް ވެސް ފްލައިޓްގައި ހުރިކަމަށް ވެއެވެ. އެހެންކަމުން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދޭނެ ކަމަށް ތަޙްޤީޤު ކުރާ ފަރާތްތަކުން އުއްމީދު ކުރެއެވެ.