ޕްރައިވެޓް ޖެޓެއް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ހައިވޭއަކަށް ވެއްޓި އެއިން ދަތުރުކުރި އަށް މީހުންނާއި އަދި އިތުރު ދެމީހަކު މަރުވެއްޖެއެވެ. މަރުވި ދެމީހުންނަކީ ހައިވޭ އިން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކާއި، ކާރެއްގައި އިން މީހެކެވެ.

ވެއްޓުނު ޕްރައިވެޓް ޖެޓަކީ ބީޗްކްރާފްޓް 390 މޮޑެލްގެ ޖެޓެކެވެ. އެއީ ޗާޓަރު ކޮށްގެން ދަތުރު ކުރި ޕްރައިވެޓް ޖެޓެކެވެ. އެއިން ދަތުރު ކުރި އަށް މީހުންގެ ތެރެއިން ހަމީހުންނަކީ ފަސެންޖަރުންނެވެ. ދެން ތިބީ ކްރޫން ނެވެ. ފުލުހުން ބުނާ ގޮތުގައި ޕްރައިވެޓް ޖެޓް ވެއްޓުނީ އެއާޕޯޓްގައި ޖައްސަން ވަރަށް ކައިރިވެފައި ހުއްޓައެވެ.

ފުލުހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޕްރައިވެޓް ޖެޓް ވެއްޓުމުގެ ކުރިން އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑުނު ކަމަށެވެ. ނަމަވެސް ހައިވޭއަށް ޕްރައިވެޓް ޖެޓް ވެއްޓުނީ، މައްސަލައެއް ދިމާވެގެން ހައިވޭއަށް ޖެޓް ޖައްސަން ތިރި ކުރަމުން ދަނިކޮށް ކަމެއް ނުވަތަ ނޫން ކަމެއް ސާފު ނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ހައިވޭއަށް ޖެޓް ޖައްސަން އެއްވެސް އެމަޖެންސީ ކޯލެއް ނުލިބޭ ކަމަށެވެ.

ޖެޓް ވެއްޓުނު މަންޒަރު ފެނުނު މީހުން މީޑިއާގައި ބުނެފައިވާ ގޮތުގައި ފުރަތަމަ ހައިވޭގައި ޖެހުނީ ޖެޓްގެ ކުރީކޮޅެވެ. އެއާއިއެކު ކުއްލިއަކަށް އަލިފާން ރޯވިއެވެ.

މެލޭޝިއާގެ ވައިގެ ދަތުރުފަތުރާއި ބެހޭ އިދާރާ އިން މިހާރު އަންނަނީ މިހާދިސާ ތަހްގީގު ކުރަމުންނެވެ.

މިއީ މިސަރަހައްދުގައި ހިނގި ފްލައިޓް ވެއްޓުމުގެ ދެވަނަ ހާދިސާ އެވެ. 1977 ވަނަ އަހަރު ޖަޕާން އެއާލައިންގެ ފްލައިޓެއް ވެސް މިސަރަހައްދަށް ވެއްޓުނެވެ. އެހާދިސާގައި 34 މީހުން މަރުވިއެވެ. ނަމަވެސް ފްލައިޓްގައި ތިބި މީހުންގެ ތެރެއިން 44 މީހުން ސަލާމަތް ވިއެވެ.