އެމެރިކާގެ ކެލިފޯނިއާގެ ފްރެންޗް ވެލީ އެއާޕޯޓް ކައިރިން ކުޑަ ޖެޓެއް ވެއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހޮނިހިރު ދުވަހުގެ ފަތިހު ކެލިފޯނިއާގެ ދެކުނުން ހަ މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓެއް ވެއްޓުމާއެކު އަލިފާން ރޯވިއެވެ. މި ހާދިސާގައި އޭގައި ތިބި އެންމެން މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ އެ މަތިންދާބޯޓަކީ ސެސްނާ ސީ550 ބިޒްނަސް ޖެޓެއް ކަމަށެވެ.

ލަސް ވޭގަސް އިން ފުރި މި ބޯޓު ވެއްޓިފައި ވަނީ އެމެރިކާގެ ލޮސް އެންޖެލިސް އާއި ސެން ޑިއޭގޯއާ ދެމެދު އޮންނަ ސިޓީއެއް ކަމަށްވާ ކެލިފޯނިއާގެ މުރީޓާގައި ހުންނަ ފްރެންޗް ވެލީ އެއާޕޯޓް ކައިރިންނެވެ.

އެ ބޯޓު ވެއްޓުމާއެކު އޭގައި އަލިފާން ރޯވިއެވެ. އަދި ރޯވި އަލިފާންގަނޑު ނިއްވާލަން ގަޑިއެއްހާ އިރު ވިއެވެ.

ރިވަސައިޑް ކައުންޓީ ފަޔަރ ޑިޕާޓްމަންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބޯޓުގައި ތިބި ހަ މީހުން ވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އޮފިޝަލުން އެ މީހުންގެ ވަނަވަރު ހާމަ ކޮށްފައެއް ނުވެއެވެ.

މި ބޯޓު ވެއްޓުނު ސަބަބު އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެފްއޭއޭ އާއި އެންޓީއެސްބީން ވެސް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި އެ އެއާޕޯޓު ކައިރީގައި ހިނގި ނުރައްކާތެރި ދެވަނަ ހާދިސާއެވެ.