އިންޑިއާގެ ހުޅަނގުދެކުނާއި ދެކުނުއިރުމަތީ ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާނުގެ ސަބަބުން އިންޑިއާގެ ބައެއް ހިސާބުތަކަށް ރާޅު އަރަން ފަށައިފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޕުޑުޗެރީ ސިޓީގެ ޕިއްލައި ސަވާދީގެ ގެއަކަށް ވަނީ ރާޅު އަރާފައެވެ.

އެއީ މޫދު ކައިރީގައި އޮންނަ ސަރަހައްދެކެވެ. ތޫފާން މަންޑޫސްގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުތައް ވަނީ ގަދަވެފައެވެ. އަދި މި ތޫފާނުގެ ސަބަބުން އެ ހިސާބުގެ ސްކޫލްތަކާއި ކޮލެޖުތައް ވަނީ ބަންދުކޮށްފައެވެ.

ތޫފާނާ ގުޅިގެން ޕުޑުޗެރީގެ ޗީފް މިނިސްޓަރު އެން ރަންގަސާމީ ވެސް ވަނީ ރިވިއު ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވާފައެވެ. އޭނާ ވިދާޅުވީ ދައުލަތުން 238 ރިލީފް ސެންޓަރެއް ހުޅުވާފައިވާ ކަމަށެވެ. މީގެ އިތުރުން އެންޑީއާރްއެފްގެ ސިފައިން ވެސް ވަނީ ޕުޑުޗެރީއަށް ގޮސްފަ އެވެ.

މި ތޫފާނުގެ ސަބަބުން އަންދްރަ ޕްރަދޭޝްގެ އެކި ޑިސްޓްރިކްޓްތަކުގެ ތެރޭގައި ނެލޯރު، ތިރުޕަތީ އަދި ޗިތޫރު ފަދަ ޑިސްޓްރިކްޓްތަކަށް ވެސް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.