އެމެރިކާގެ ކެލިފޯނިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސިސްމޮލޮޖީއިން ކުރި ޓުވިޓެއްގައި ބުނެފައިވަނީ ރެކްޓަރ މިންގަނޑުން 6.5 ބާރު މިނުގައި ބިންހެލުން އައިސްފައިވަނީ ކެލެފޯނިއާގެ ސަންފްރެންސިސްކޯއަށް ކަމަށެވެ.

މިބިންހެލުން އައިސްފައިވަނީ ބިމުގެ 60 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުމުގެ ސަބަބުން އުތުރު ކެލެފޯނިއާގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެފައިވާއިރު، ބައެއް ހިސާބުތަކުން ވަނީ ކަރަންޓުގެ ހިދުމަތް ވެސް ކެނޑިފައެވެ.

އެގައުމުގެ ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، އެގައުމަށް އައިސްފައިވަނީ ބާރުގަދަ ބިންހެލުމެއް ކަމަށާއި ބިންހެލުން އައި ވަގުތު ގޭގޭގައި ހުރި ބައެއް ފަރުނީޗަރުތައް ހެލި، ގޭގައި ބޭނުން ކުރާ ބައެއް ތަކެތި ބިން މައްޗަށް ވެއްޓިފައިވާ ކަމަށެވެ.

ކެލެފޯނިއާއަށް ބާރުގަދަ ބިންހެލުމެއް މިއަދު އައިސްފައިވާއިރު، ފާއިތުވި 10 ދުވަސް ތެރޭގައި އެގައުމަށް 3.0 މެގްނިޓިއުޑް ބާރުމިނަށްވުރެ ބާރުގަދަ ބިންހެލުމެއް އައިސްފައި ނުވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.