ދެ ގައުމުންވެސް ހިއްސާ ކުރާ ޗައިނާގެ ކަންބޮޑުވުންތަކާއި ކުރިމަތިލުމަށްޓައި، އެމެރިކާ އާއި ޖަޕާނުގެ ސަލާމަތީ ގުޅުންތައް ވަރުގަދަކުރުމުގެ ތައްޔާރީތަކެއް ދެ ގައުމުން އިއުލާން ކޮށްފިއެވެ.

އެމެރިކާއާއި ޖަޕާނުގެ ހާރިޖީ ވަޒީރުންނާއި، ސަލާމަތާއި ބެހޭ ވަޒީރުން ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކަށްފަހު، ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ބައިނަލް އަގުވާމީ ހަމަޖެހުމަށް ޗައިނާ އިން ކުރިމަތިކުރުވާފައިވަނީ ކުރިން ލަފާކޮށްލެވިފައި ނުވާފަދަ ނުރައްކަލެއް" ކަމަށާއި، ސްޓްރެޓެޖިކް ވާދަވެރިކަމުގައި ކުރިއަރައި ދިއުމަށްޓަކައި އެމެރިކާއާއި ޖަޕާން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"ޗައިނާގެ ޚާރިޖީ ސިޔާސަތުން މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ މަސްރަހު އެމީހުންގެ މަސްލަހަތާއި އެއްގޮތަށް ބައްޓަންކޮށް، އެކަމަށް ޗައިނާގެ ބޮޑުވަމުންދާ ސިޔާސީ، އިގުތިޞާދީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ ބާރު ބޭނުންކުރަން. ޗައިނާގެ މި މަސައްކަތަކީ އަހަރެމެންގެ ގުޅުމަށާއި، މުޅި ބައިނަލް އަގުވާމީ މުޖުތަމައަށްވެސް ހުރި ކަންބޮޑުވުމެއް، އަދި މިއީ އިންޑޯ ޕެސިފިކް ސަރަހައްދަށާއި އޭގެ ދުރަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ސްޓްރެޓެޖިކް ގޮންޖެހުން." ދެ ގައުމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާއިން ޓައިވާނަށް އަރައިގަނެ ހިންގާފާނެ ހަރަކާތްތަކާއި އަދި ދެކުނާއި އިރުމަތީ ޗައިނާ ކަނޑުގައި ހިންގާފާނެ ނުރައްކާތެރި ހަރަކާތްތަކާއި ކުރިމަތިލުމަށްޓަކައި، ޖަޕާނުގެ ދެކުނުގައި އޮންނަ ރަށެއް ކަމަށްވާ އޮކިނާވާ ގައި އެމެރިކާ ސިފައިން ތިބޭ ތިބުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

އަދި ދެގައުމުގެ މެދުގައި ވެފައި އޮންނަ ސަލާމަތީ އެއްބަސްވުމުގައި "ދުނިޔޭން ބޭރު" ގެ ވާހަކަވެސް ވަނީ ރަސްމީ ކޮށް ހިމަނާފައެވެ. އެގޮތުން "ޖައްވުގެ ބޭރުންނާއި، ޖައްވުގެ ތެރޭންނާއި، ޖައްވަށް" ދެވޭ ހަމަލާތަކުގައި އެ އެއްބަސްވުމުގެ ދަށުން ދިފާއީ ފިޔަވަޅުތައް އެޅިގެންދާނެކަން ވަނީ ރަސްމީ ކޮށް އެއްބަސްވުމުގައި ހިމެނިފައެވެ.

އަދި މީގެ އިތުރުންވެސް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިންވެސް އަންނަ ހުކުރު ދުވަހު ޖަޕާނާއެކުގައި ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ސެކްޓްރީ އެންތަނީ ބްލިންކެން ވިދާޅުވީ، މި އެއްބަސްވުމަކީ ދެގައުމުގެ ދޭތެރޭގައި، ޖައްވާއި، ސައިބަރ ސެކިއުރިޓީއާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ހިމެނޭހެން ހުރިހާ ދާއިރާއަކު ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ދަށުން ވެވޭ އެއްބަސްވުމެއް ކަމަށެވެ. އަދި އެމެރިކާ-ޖަޕާނުގެ ގުޅުމަކީ އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް މުހިންމު ބައެއް ކަމަށްވެސް ބްލިންކެން ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޖަޕާނުގެ ބޮޑު ވަޒީރު ފޫމިއޯ ކިޝިދާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ކިޝިދާ މިހާރު ގެންދަވަނީ ޔޫރަޕާއި އުތުރު އެމެރިކާގެ ޖަޕާނުގެ ބައިވެރިންނާއި ބައްދަލުކުރެއްވުމަށް ހަފްތާއެއްގެ ޒިޔާރަތެއް ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކް އާއި ބައްދަލު ކުރައްވާ، ޗައިނާ އާއި ކުރިމަތިލުމަށް، ދެ ގައުމުގެ އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް ސަލާމަތީ އެއްބަސްވުމެއްގައިވެސް ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާމަނާއީ

    އަބަދުވެސް ދުނިޔެ ޙަލާކުކުރަން ތިއެއްބައިވަނީ.. ދުނިޔެ އާރާސްތުކޮށްލަން އެއްބައިވެލާބަލަ.. އަހަރެމެންވެސް ހިމަނައިގެން.. ތަފާތު ފެންނާނެ..

    • ނަނަނަ

      އޭރުން މަދު ބަޔަކަށް މަންފާ ކުރުމުގެ ބަދަލުގަ އެންމެނަށް މަންފާ ވާނީ.. ދުނިޔޭގަ އުޅޭ އަމިއްލަ އެދުން އެކަނި އިސްކުރާ ބާރާ ނުފޫޒު ގަދަ ބަޔަކުވެސް. އެމީހުންނަށް އެކަނި މަންފާ ނުކުރާނަމަ އެމީހުންނަކަށް ކަމަކު ނުދާނެ.