ޗައިނާއާއި އެމެރިކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން އިތުރުވެ އަލިފާނާއި ނުކުޅުމަށް ބުނެ ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއްދީފިއެވެ.

ރަޝިއާގައި މިހާރު ކުރިއަށް ދާ 'މޮސްކޯ ކޮންފަރެންސް އޮން އިންޓަނެޝަނަލް ސެކިއުރިޓީ" ގައި ވާހަކަ ދައްކަމުން ޓައިނާވް މައްސަލަގައި ޗައިނާއިން އެމެރިކާއަށް ވަނީ އިންޒާރެއްދީފައެވެ. ޗައިނާއިން ބުނަނީ އެމެރިކާއިން ޗައިނާގެ މައްޗަށް ބާރުފޯރުވަން މަސައްކަތް ކުރުމަކީ އަލިފާނާއި ކުޅުން ކަހަލަ ކަމެއް ކަމަށެވެ.

"ޗައިނާގެ މައްޗަށް ބާރުފޯރުވުމަށް ޓައިވާން ބޭނުން ކުރުމަކީ އަލިފާނާ ކުޅުން. އެކަން ނިމޭނީ އެމެރިކާއަށް ނާކާމިޔާބު ވެގެން.". އެ ކޮނަފްރެންސްއަށް ވަޑައިގެން ހުންނެވި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ ވިދާޅުވިއެވެ.

މީ ގެކުރިންވެސް ޗައިނާގެ އޮފިޝަލުން ވަނީ މިމޭރުމުން އެމެރިކާއަށް އިންޒާރުދީފައެވެ. އެހެންނަމަވެސް މިފަހަރުގެ އިންޒާރު ވަރުގަދަވަނީ ޑިފެންސް މިނިސްޓަރ ރަޝިއާގައި ހުންނަވާ އެމެރިކާ އަށް އިންޒާރު ދެއްވުމުންނެވެ.

ރަޝިޔާއަކީ އެމެރިކާ އާއި އިދިކޮޅު ޤައުމަކަށްވެފައި ރަޝިޔާ ޔުކްރެއިން ހިންގާ ހަނގުރާމައިގައި އެމެރިކާއިން ޔުކްރެއިނަށް ތާއީދުކުރާތީ ރަޝިޔާއިން ތިބެނީ އެމެރިކާ އާއި ދެކޮޅަށް ފުރުސަތަކަށް ބަލަބަލާއެވެ. އެހެންކަމުން ޗައިނާގެ ޑިފެންސް މިނިސްޓަރުގެ އިންޒާރަށް އެމެރިކާއިން ޖެހިލުންވާންޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާ ކަނޑުގައި ޗައިނާއާ ވަކިން އެހެންނަމަވެސް ގާތުގައި އޮންނަ ޓައިވާނަކީ، ޗައިނާގެ ކޮމިއުނިސްޓުން ވެރިކަމަށް އައި އިރު އުފެދުނު ހަމަނުޖެހުމުގައި އޭރު އެގައުމު ދޫކޮށް ދިޔަ މީހުން ވަޒަންވެރިވި ގައުމެވެ. އެމީހުން ޓައިވާނުގައި ވަކި ސަރުކާރެއް އުފައްދައި ޗައިނާގެ އަތްދަށުން ވަކިވެގަތުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން މިއަދާ ހަމައަށް ކާމިޔާބުވެފައި ނުވަނީ، އެފަދަ ކަމެއް ކުރާނަމަ ގަދަބާރުންވެސް އަރާ ޓައިވާން ހިފާނެ ކަމަށް ޗައިނާ އިން ބުނަމުން ގެންދާތީ އާއި ޗައިނާ އަކީ ދުނިޔޭގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ބޮޑު ގައުމަކަށް ވާތީ ބިރުންނެވެ.

ޓައިވާނަކީ ވަކި ދައުލަތެއް ކަމަށް ގަބޫލު ކުރާ އޮތީ 13 ގައުމެކެވެ. އެމެރިކާއިން ޗައިނާ ރުޅި އަރުވަން ޓައިވާނަށް އެކި ގޮތްގޮތުން އެހީ އާއި މަދަދު ފޯރުކޮށްދެމުން ދިޔަ ނަމަވެސް ޓައިވާނަކީ ވަކި ދައުލަތެއް ކަމަށް ބަލައިގަނެ އިއުލާން ކުރާކަށް އެމެރިކާއަކަށް ވެސް ނުކުރޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ދިފާއީ ވަޒީރަކީ، ރަޝިއާ އަތުން ހަތިޔާރު ގަންނަ މައްސަލައިގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ހުންނަ ބޭފުޅެކެވެ.

ހުޅަނގުގެ އެއްވެސް ގައުމެއް ބައިވެރި ނުކޮށް ރަޝިއާގައި ކުރިއަށް ދާ ސެކިއުރިޓީ ކޮންފަރެންސްގައި އަވައްޓެރި 20 ގައުމެއްގެ އެންމެ އިސް ޖެނެރަލުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އީރާން، މިޔަންމާ، ބެލަރޫސް ފަދަ ގައުމުތައް ހިމެނެއެވެ.

ރަޝިޔާއިން ބުނަނީ އެމެރިކާއިން މަސައްކަތް ކުރަނީ އަނދަމުންދާ އަލިފާންގަނޑަށް ތެޔޮ އަޅަން ކަމަށެވެ.