2030 ވަނަ އަހަރުގެ ވޯލްޑްކަޕު ބޭއްވުމަށް ސައުދީން ހުށައަޅާ ބިޑުގައި ސައުދީގެ ސަފީރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް، މި މިފަހުން ސައުދީގެ އަލް ނަސްރު ކުލަބާ ގުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެއްބަސްވުމުގައި ހިމެނޭ ކަމަށް ބުނެ ފެތުރިފައިވާ ރިޕޯޓްތައް، އަލް ނަސްރު ކުލަބުން ދޮގު ކޮށްފިއެވެ.

ރޮނާލްޑޯ މިދިޔަ މަހު އަލް ނަސްރު އާއި ގުޅުނީ ދެ އަހަރު ބައިގެ ކޮންޓްރެކެޓެއްގައެވެ. އޭނާގެ ކޮންޓްރެކްޓުގެ އަގު 210 މިލިއަން ޑޮލަރަށް ވުރެ ބޮޑު ކަމަށް މީޑިއާތަކުން ވަނީ ލަފާކޮށްފައެެވެ.

ސައުދީ އަރަބިއްޔާގެ ވޯލްޑްކަޕް ބިޑުގައި އެގައުމަށް ތާއީދުކުރުމަށް ރޮނާލްޑޯ އަށް އިތުރު 210 މިލިއަން ޑޮލަރު ދޭނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

"އަލްނަސްރު އާއި އެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވެފައިވާ އެއްބަސްވުމުގައި ވޯލްޑްކަޕް ބިޑާއި ގުޅިގެން އެއްވެސް ކަމެއް ހިމެނިފައި ނުވާނެކަން އަލް ނަސްރު އެފްސީ އިން ސާފުކޮށްދެން." އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ރޮނާލްޑޯގެ މައިގަނޑު ފޯކަސްއަކީ އަލް ނަސްރު. އަދި ކުލަބަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ޓީމުގެ އެހެން ކުޅުންތެރިންނާއި އެކުގައި މަސައްކަތް ކުރުން." ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ރޮނާލްޑޯ ސައުދީ އަށް ގޮސްފައިވަނީ ޤަތަރު ވޯލްޑްކަޕް ނިންމާލުމަށްފަހު، މަދު ހަފްތާތަކަކަށް ފަހު މި މަހުގެ ފުރަތަމަ ހަފްތާގައެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް 2030 ގައި މިސްރާއީ ގްރީސްއާއި ސައުދީގައި ބޭއްވުމަށް ގައުމުތަކުން ގުޅިިގެން ބިޑަށް ކުރިމަތިލާން ސައުދީން ވިސްނަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. 2030 ވަނަ އަހަރުގެ ވޯލްޑުކަޕް ބިޑަށްލާން ހުޅުވާލައިފައިވަނީ މިދިޔަ އަހަރުއެވެ. އަދި ބިޑު ކާމިޔާބުކުރާ ފަރާތް އިއުލާން ކުރުން އޮންނާނީ 2024 ވަނަ އަހަރުގެ ފީފާ ކޮންގްރެސް ގައެވެ.

2026 ވަނަ އަހަރުގެ ވޯލްޑްކަޕް އޮންނާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. އެ ވޯލްޑްކަޕް ވާނީ ތިން ގައުމެއްގައި ބޭއްވޭ ފުރަތަމަ ވޯލްޑްކަޕަށެވެ.

ދުނިޔޭގެ މަޝްހޫރު ކުލަބުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ކުޅެފައިވާ ރޮނާލްޑޯ އަކީ ސައުދީ، ގަލްފް އަދި އޭޝިއަން ކޮންފެޑެރޭޝަންގެ ގައުމަކާއި ގުޅުނު އެންމެ މަޝްހޫރު ކުޅުންތެރިޔާއެވެ.

ރޮނާލްޑޯ އަލް ނަސްރު އަށް ސޮއި ކޮށްފައި މި ވަނީ ސައުދީން، ގޮލްފް، ބޮކްސިން، ޓެނިސް، އަދި ފުޓްބޯޅަ ހިމެނޭހެން ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކުރިއަށް އޮތް އޭޝިއަން ގޭމްސް، އޭޝިއާން ވިންޓަރ ގޭމްސް، އަދި އަންހެނުންނާއި ފިރިހެނުންގެ އޭޝިއަން ކަޕް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީގައެވެ.