އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކު ކާރުގެ ސީޓްބެލްޓް ނާޅައި އިން މައްސަލަ އެގައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.

ސުނަކު ކާރުގައި ދަތުރު ކުރަމުން ދިޔައިރު ސީޓްބެލްޓް ނާޅައި އިންކަން އެނގުނީ އޭނާ އާއްމު ކުރި އިންސްޓަގްރާމް ވީޑިއޯ އަކުންނެވެ. އިނގިރޭސިވިލާތުގެ ލަންގްޝާ ސަރަހައްދަށް ކުރި ޒިޔާތުގައި ސުނަކު ސީޓްބެލްޓް ނާޅައި ކާރުގައި އިން މައްސަލަ ފެންމަތިވިއިރު ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު އެސްކޯޓް ކޮށްގެން އޭރުވެސް ފުލުހުންގެ ސައިކަލެއް ކައިރީގައި އޮތެވެ.

އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާ ގޮތުގައި ސީޓްބެލްޓް ނާޅައި ދުއްވާފައިދާ ވެހިކަލެއްގައި އިނުން އެއީ 500 ޕައުންޑުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.

ލަންގްޝާގެ ފުލުހުން ބުނީ ސުނަކު ސީޓްބެލްޓް ނާޅައި ކާރެއްގައި އިން މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

ބޮޑުވަޒީރު އޮފީހުގެ ތަރުޖަމާން ވިދާޅުވީ ބޮޑުވަޒީރު ސުނަކު އަށް ގޯހެއް ހެދިއްޖެކަން އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށާއި އެގޯހާއި ގުޅިގެން ބޮޑުވަޒީރު މާފަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ބޮޑުވަޒީރު މުޅި ދަތުރުގައި އިނީ ސީޓްބެލްޓް ނާޅައި ނޫންކަމަށް ތަރުޖަމާން ވިދާޅުވިއެވެ. "ވީޑިއޯ ކްލިޕް ނެގުމަށް އެވަގުތައް އެކަނި ސީޓްބެލްޓް ނައްޓާލީ." ތަރުޖަމާން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުން މިދިޔަ އަހަރު ފަހުކޮޅު އިސްތިއުފާ ދިން ބޮރިސް ޖޯންސަން ވެސް އެތައް ފަހަރަކު ގާނޫނާއި ހިލާފުވުމުގެ މައްސަލަތައް ކުރިމަތިވިއެވެ. އޭނާ އިސްތިއުފާ ދޭން މަޖުބޫރުވީ ވެސް ދިފާއު ނުވެވޭވަރަށް ބައެއް ކަންކަން ގާނޫނާއި ހިލާފަށް ކުރުމެވެ.