ޖަޕާނުގައި މީހުން އުފަންވާ ރޭޓު ދަށްވަމުންދާތީ، އެ ގައުމު އޮތީ މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އުނދަގޫވެދާނެ ފަދަ ހާލަތެއް ދިމާވުމުގެ ކޮޅުމަތީގައި ކަމަށް, ޖަޕާނުގެ ބޮޑުވަޒީރު ފޫމިއޯ ކިޝިދާ ވިދާޅުވެއްޖެއެވެ.

125 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޕާނުގައި މިދިޔަ އަހަރު އުފަންވެފައިވާ ކަމަށް ލަފާކުރެވިފައިވަނީ 8 ލައްކަ މީހުންނެވެ. 1970 ގެ އަހަރުތަކުގައި މި އަދަދު އުޅުނީ ދެ މިލިއަނަށްވުރެ މަތީގައެވެ.

މީހުން އުފަންވާ ރޭޓް ޖަޕާނު ނޫނަސް، ވަރަށް ގިނަ ގައުމުތަކުގައި އަންނަނީ ދަށްވަމުންނެވެ.

ނަމަވެސް ޖަޕާނުގައި މިކަން މައްސަލައަކަށް ވެގެން މި އުޅެނީ ފާއިތުވި އަހަރުތަކުގައި ދިރިހުރުމުގެ އެވްރެޖު އުމުރު އިތުރު ވެފައިވުމުގެ ސަބަބުންނެވެ. މާނައަކީ ޖަޕާނުގައި މަތީ އުމުރުގެ މީހުން ގިނަވެ، އެމީހުންނަށް ހިދުމަތްދޭނެ މަސައްކަތްތެރިންގެ އަދަދު ދަށްވަމުންދިއުމެވެ.

ދުނިޔޭގެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގައި އާބާދީގެ ނިސްބަތުން 65 އަހަރުން މަތީގެ މީހުން ދެވަނަ އަށް އެންމެ ގިނައީ ޖަޕާނުގައެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ ސާޅީހަކަށް ހާސް މީހުންގެ އާބާދީއެއް އޮންނަ، ޔޫރަޕުގެ ކުޑަ ކުޑަ ގައުމެއް ކަމަށްވާ މޮނާކޯ އެވެ.

"ޖަޕާނު މިއޮތީ މުޖުތަމައެއްގެ ގޮތުގައި ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ހާލަތެއްގެ ކޮޅުމަތީގައި. ކުޑަކުދިންނާއި، ދަރިން ހޯދުމާއި ގުޅޭ ސިޔާސަތު ތަކަށް ސަމާލުކަން ދިނުމަކީ މިވަގުތު ލަސްކުރެވެން ނެތް މައްސަލައެއް." ކިޝިދާ ވިދާޅުވެފައިވެއެވެ.

ކިޝިދާ ވިދާޅުވީ ކުޑަކުދިންނާއި ބެހޭ ޕްރޮގްރާމްތަކަށް މިހާރު ސަރުކާރުން ކުރާ ހަރަދު ދެގުނައަށް ބޮޑު ކުރުމަށް ބޭނުންފުޅު ވެލައްވާ ކަމަށެވެ. އަދި މި ކަމަށް ހާއްސަ ސަރުކާރުގެ އާ އޭޖެންސީއެއް އަންނަ އޭޕްރީލް މަހު ގާއިމު ކުރައްވާނެ ކަމަށްވެސް ކިޝިދާ ވަނީ ވިދާޅުވެފައެވެ.

ޖަޕާނުގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ މިފަދަ އުކުޅުތައް ޕްރޮމޯޓްކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސަރުކާރަށް މިކަމުގައި އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

2017 ގައި ޖަޕާނުގައި އޮތް 128 މިލިއަންގެ އާބާދީ، މި ގަރުނު ނިމޭ އިރު 53 މިލިއަނަށްވުރެ މަދުވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން، 2020 ވަނަ އަހަރު ވަނީ ލަފާކޮށްފައެވެ. ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އެގައުމުގެ އާބާދީ އަކީ 125 މިލިއަނެވެ.

ހާލަތު މިހެން އޮތް ނަމަވެސް ޖަޕާނަކީ ހިޖުރަކުރުމުގެ ހަރުކަށި ގާނޫނުތަކެއް ތަންފީޒުކުރަމުންދާ ގައުމެކެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މުސްކުޅި އާބާދީ އިތުރުވާ މައްސަލަ ހައްލު ކުރުމަށްޓަކައި ޖަޕާނުން ގެންގުޅެމުންދާ އުސޫލުތަކަށް ލުއިތަކެއް ގެންނަން ޖެހޭނެއެވެ.

އުފަންވާ ރޭޓް ދަށްވުމުގައި ވަރަށް ގިނަ ކަންތައްތަކެއް ދައުރު ހިމެނެއެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން ދިއުމާއި، މަސައްކަތާއި ތައުލީމުގެ ދާއިރާގައި އަންހެނުން އިތުރުވުމާއި، ދޭތެރެ ދުރުކުރުމުގެ އެކި ގޮތްތައް ފަސޭހައިން ހޯދެން ހުރުމުގެ ސަބަބުން، އަންހެނުން މަދުން ދަރިން ހޯދަން އިހުތިޔާރު ކުރުން ހިމެނެއެވެ.

ފާއިތުވި 60 އަހަރު ތެރޭގައި ޗައިނާގެ އާބާދީ ފުރަތަމަ ފަހަރަށް މަދުވެފައިވާ ކަމަށް، ޗައިނާއިންވެސް މިދިޔަ ހަފްތާ ވަނީ ރިޕޯޓު ކޮށްފައެވެ.