ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ޤުރުއާން އެންދުމުން، ސްވިޑެން ނޭޓޯއާއި ގުޅެން ތުރުކީގެ ތާއީދު ލިބޭނެކަމަށް ހީނުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

"އަހަރެމެންގެ އެމްބަސީގެ ކުރިމަތީގައި އެފަދަ ލާދީނީ އަމަލެއް ކުރަން ހުއްދަދިން ބަޔަކު، އެމީހުންގެ ނޭޓޯ މެމްބަރުކަމަށް އަހަރެމެންގެ ތާއީދު ލިބޭނެ ކަމަށް ހީކުރާނެ ކަމެއް ނެތް." ސްވިޑެންގެ ފުލުހުންގެ ހުއްދަ ލިބިގެން، ފުލުހުންގެ ހިމާޔަތުގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން، ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރަކު ކުރި އަމަލާއި މެދު ފުރަތަމަ ފަހަރަށް ރަސްމީކޮށް ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވެފައިވެއެވެ.

އަސްކަރީ ގޮތުން އެހެން ބަޔަކާއި ގެންގުޅުނު ތާރީހީ ސަގާފަތް ދޫކޮށްލުމަށްފަހު، ރަޝިއާ-ޔުކްރޭނު ހަނގުުރާމައާއި ގުޅިގެން ނޭޓޯ އާއި ގުޅެން ސްވިޑެން ނިންމާފައިވާ ނިންމުމަށް ރަސްމީގޮތުން ތާއީދުކޮށްފައި ނުވަނީ ތުރުކީވިލާތުންނާއި ހަންގޭރީ އިންނެވެ.

ނަމަވެސް ހަންގޭރީގެ ގާނޫނު ހަދާ މަޖިލީހުން، އަންނަ މަހު އެ ނިންމުން ރަސްމީ ގޮތުން ބަލައިގަތުމަށް ފާސްކުރާނެ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބަން ވަނީ ވައުދުވެ ވަޑައިގެންފައެވެ.

"ތުރުކީވިލާތުގެ ނުވަތަ މުސްލިމުންގެ ދީނީ އަގީދާތަކަށް އިހުތިރާމު ނުކުރާނަމަ، ނޭޓޯ މެމްބަރަކަށް ވާން އަހަރެމެންގެ ފަރާތުން އެއްވެސް ތާއީދެއް ނުލިބޭނެ." އުރުދުޣާން ވިދާޅުވިއެވެ. އުރުދުޣާން އިތުރަށް ވިދާޅުވީ ގުރުއާން އަންދާލި އަމަލަކީ ތުރުކީގެ 85 މިލިއަން ރައްޔިތުންނަށް ދިން ހަމަލާއެއް ކަމަށެވެ.

ސްވިޑެންއިން އުރުދުޣާންގެ ވާހަކަތަކަށް ވަގުތުން މާ ބޮޑު ރައްދެއް ދީފައެއް ނުވެއެވެ.

"އެ ބަޔާނާއި މެދު މިވަގުތު އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް. އަހަރެން ބޭނުން ވިސްނައިގަންނަން ބުނެފައިވަނީ ސީދާ ކީކޭކަން." ސްވިޑެންގެ ހާރިޖީ ވަޒީރު ޓޮބިއަސް ބިލްސްޓްރޮމް ވިދާޅުވެފައިވެއެެވެ.

ޤުރުއާން އަންދާލުމުގެ އަމަލު ހިންގާފައިވަނީ ޑެންމާކްގެ ހަރުކަށި ފިކުރުގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓީއެއްގެ ލީޑަރު ރާސްމުސް ޕަލޫދާން އެވެ. ސްވީޑެންގެ ރަށްވެހިކަން އޮންނަ ޕަލޫދާން މީގެ ކުރިންވެސް ވަނީ އެތައް މުޒާހަރާތަކެއް ބާއްވާ، އެތައް ފަހަރަކު ގުރުއާން އަންދާފައެވެ.

އަރަބި އަދި މުސްލިމު ވަރަށް ގިނަ ގައުމުތަކުން ވަނީ ގުރުއާން އެންދުމުގެ މި އަމަލު ކުށްވެރިކޮށްފައެވެ.

ސްވިޑެންގެ ލީޑަރުން ޕަލޫދާންގެ އަމަލުތައް ކުށްވެރި ކޮށްފައިވީނަމަވެސް، އެކަމަށް ހުއްދަ ދިނުން ވަނީ ދިފާއުކޮށްފައެވެ.

ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެސީގެ ބައެއް ކަމަށާއި، އޭގެ މާނައަކީ ގާނޫނީ ގޮތުން ހުއްދަ ކޮންމެ ކަމަކީ ރަނގަޅު ކަމަކަށް ވުން ނޫންކަމަށެވެ. ކްރިސްޓަސަން އިތުރަށް ވިދާޅުވީ ބައެއްގެ މުޤައްދަސް ފޮތެއް އެންދުމަކީ ވަރަށް އިހުތިރާމު ކުޑަ އަމަލެއްކަމަށެވެ.

މިކަމާއި ގުޅިގެން ތުރުކީގައި ހުންނަ ސްވިޑެންގެ އެމްބަސީގެ ބޭރުގައިވެސް ވަނީ މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ އެމްބަސީގެ ބޭރުގައި އަޑުއުފުލާ، ސްވިޑެންގެ ދިދަވެސް އަންދާފައެވެ.

ސްވިޑެން ނޭޓޯ އާއި ގުޅެން ތާއީދުކުރުމަށް ތުރުކީން ކުރިންވެސް އޮތީ ޝަރުތުތަކެއް ކަނޑައަޅާފައެވެ. ތުރުކީން ނިރުބަވެރިންކަމަށް ގަބޫލުކުރާ ބަޔަކަށް ސްވިޑެން އިން ހިމާޔަތް ދޭތީ، އެމީހުން ތުރުކީ އާއި ހަވާލުކުރުމުން ނޫނީ ތުރުކީގެ ތާއީދު ނުލިބޭނެ ކަމަށް ތުރުކީން ކުރިން ވަނީ ބުނެފައެވެ.