އެމެރިކާގައި ބަޑިން ހަމަލާދީ ދަނޑުވެރިކަމުގެ މަސައްކަތްކުރާ ޗައިނާގެ 7 މީހުން މަރާލި ކަމުގެ ތުހުމަތުގައި 67 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ކެލިފޯނިއާގެ ހާފް މޫން ބޭ ސިޓީގެ ދެ ތަނެއްގައި ވަނީ ބަޑީގެ ހަމަލާތައް ދީފައެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަމަލާތައް ދީފައިވަނީ 2 މޭލު ދުރުގައި ހުރި ދެ ދަނޑެއްގައެވެ. އެއް ތަނުން 4 މީހުން މަރުވެފައިވާ އިރު އަނެއް ތަނުން 3 މީހުން މަރުވެފައިވާ ކަމަށާއި، ނަމަވެސް ފުރަތަމަ ހަމަލާ ދީފައިވަނީ ކޮން ތަނަކަށް ކަމެއް އަދި އެނގިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ހަމަލާތަކުގައި 8 ވަނަ މީހެއްގެ ގަޔަށްވެސް ވަޒަން އަރާ ޒަހަމްވެފައިވާ ކަމަށާއި، އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ބައެއް މަސައްކަތްތެރިން އެމީހުންގެ އާއިލާ އާއި އެކު ދިރިއުޅެނީ ދަނޑުވެރިކަން ކުރާ ސައިޓުގައި ކަމަށްވާތީ، ހަމަލާދިން ވަގުތު އެތަނުގައި ކުޑަކުދިންވެސް ތިއްބެވެ.

ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 67 އަހަރުގެ ޝާއޯ ޗުންލީ ކިޔާ ޗައިނާ މީހެކެވެ. އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުގައި ޝާއޯ އަކީ ހާފް މޫން ބޭގައި ދިރިއުޅޭ މީހެކެވެ. އަދި އޭނާ އަކީ އެތަނުން އެއް މަޝްރޫމު ދަނޑުގައި، އެތައް އަހަރަކުއްސުރެ މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށާއި، މަރުވި އެންމެންނަކީވެސް އޭނާ އާއެކުގައި މަސައްކަތް ކުރަމުންދިޔަ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހާފް މޫން ބޭ ގެ ފުލުހުންގެ މަރުކަޒެއްގެ ޕާކިން ސަރަހައްދުގައި، ޕާކު ކޮށްފައި އޮތް ޝާއޯގެ ކާރުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް އެމެރިކާގެ މީޑިއާތަކުން ވަނީ އާންމު ކޮށްފައެވެ. ޝާއޯ ވަނީ އޭނާގެ ކާރުގައި، ހަމަލާދިން ސަރަހައްދު ދޫކޮށް ގޮސް، ފުލުހުންގެ މަރުކަޒެއްގެ ބޭރުގައި ޕާކު ކޮށްފައެވެ.

ފުލުހުން ޝާއޯ ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯގެ ތެރެއިން ---

ޝާއޯގެ ކާރުން ސެމީ އޮޓޮމެޓިކް ފިސްތޯލައެއް ވަނީ ފެނިފައެވެ.

ހާފްމޫން ބޭ ގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޝާއޯ މި ހަމަލާތައް ދިން މަގުސަދެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް ބައެއް މިޑިއާތަކުން މި ހަމަލާ ސިފަކޮށްފައިވަނީ މަސައްކަތުގެ މާހައުލުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ދީފައިވާ ހަމަލާތަކެއްގެ ގޮތުގައެވެ.

ކެލިފޯނިއާގައި އަނެއްކާވެސް ބަޑި ޖަހައި، ބަޔަކު މަރާލާފައިމިވަނީ، މޮންޓެރީ ޕާކު ސިޓީގައި ޗައިނާގެ އާ އަހަރު ފާހަގަކުރަމުން ދިޔަ ބައެއްގެ ތެރެއަށް ބަޑިޖަހާ، 11 މީހުން މަރާލި ހާދިސާއަށް 48 ގަޑިއިރުވެސް ނުވަނީހެވެ. އެ ހަމަލާ ދިން 72 އަހަރުގެ ޗައިނާ ދަރިކޮޅުގެ މީހާ ވަނީ ފުލުހުން އޭނާގެ ކާރު ވަށާލުމުން އަމިއްލަ ގަޔަށް ބަޑިޖެހާ މަރުވެފައެވެ.

ބަޑިން ހަމަލާ ދީ މީހުން މެރުމަކީ އެމެރިކާގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ އަހަރު އެމެރިކާގައި މާސް ޝޫޓިންގެ 647 ހަމަލާ ވަނީ ދީފައެވެ. އެއީ ބަޑިން ހަމަލާދީ 4 ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ގަޔަށް ވަޒަން އަރާ، ނުވަތަ މަރުވެފައިވާ ހަމަލާތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ތިޔަ މީހާ ހައްޔަރުނުކޮށް އެމީހާ ގެންގުޅުނު ބަޑި ނައްތާލިނަމަ މާބޮޑަށްވެސް ރަނގަޅުވީހެވެ. ދެން ވާނެގޮތަކީ އެހެންމީހަކު އެބަޑި ހިފައިގެން އައިސް ގޮއްވާނީ. އިހަކަށްދުވަހުވެސް އެބަޑިން އެތަކެއް ބަޔަކު މަރާލައިފި. އެމީހާވެސް ހުރީ ހައްޔަރުގައި. އަނެއްކާ ހަމަ އޭތި މި ރިޕީޓްވީ.