އިރާނުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހުއްޓުވުމަށް އިރާނުން ގެންގުޅެމުންދާ އުސޫލުތަކުގެ ސަބަބުން، އީޔޫ އަދި އިނގިރޭސި ވިލާތުން އިރާނާއި ދެކޮޅަށް އަޅާފައިވާ އާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދޭނެ ކަމަށް އިރާނުން މިއަދު ބުނެފިއެވެ.

ފެޝަން ބުރުގާ އަޅައިގެން އުޅެނިކޮށް ހައްޔަރު ކުރި މަހުސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމާއި ގުޅިގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހުއްސުރެ މުޒާހަރާތަކުގެ ޝިކާރައަކަށް ވެފައިވާ އިރާނާއި ދެކޮޅަށް އީޔޫއިންނާއި އިނގިރޭސި ވިލާތުން އިއްޔެ ވަނީ އަނެއްކާވެސް އިތުރު ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

"ޔޫރަޕިއަން ޔޫނިއަނުންނާއި، އިނގިރޭސިވިލާތުގެ ސަރުކާރުން އެޅި މި ފިޔަވަޅަކީ، އިރާނުގެ ހަގީގަތް ރަނގަޅަށް ވިސްނައިގަތުމުގެ ސިކުނޑީގެ ގާބިލުކަން އެމީހުންގެ ނެތް ކަމުގެ ރަމްޒެއް. އަދި އެއީ އިރާނުގެ ވެރިކަމާއި މެދުގައި އެމީހުންނަށް އަރާފައިވާ އޮޅުން ހާމަކޮށްދޭ އަލާމާތެއް." އިރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވެފައި ވެއެވެ.

ކަނާނީ ވިދާޅުވީ އެކަހަލަ ފެއިލްވެފައިވާ ސިޔާސަތުތަކަށް ރައްދު ދިނުމުގެ ހައްގު އިރާނަށްވެސް އެބަ އޮތް ކަމަށާއި، އީޔޫއާއި އިނގިރޭސިވިލާތުގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާއި، ނިރުބަވެރިކަން ޕްރޮމޯޓްކުރާ ފަރާތްތަކާއި ދެކޮޅަށް އިރާނުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

އިރާނުގެ މުޒާހަރާތައް ފެށުނު މަހުން މިއީ އީޔޫއިން އިރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ހަތަރު ވަނަ ބުރެވެ. އެގޮތުން އިރާނުގެ އިތުރު 37 އޮފިޝަލުންނާއި، ފަރާތްތަކުގެ މުދާތައް ފްރީޒް ކުރުމަށާއި، އެ ފަރާތްތަކަށް ވިސާ ނުދޭން ވަނީ ހިމަނާފައެވެ.

އަދި އިނގިރޭސިވިލާތުން ވަނީ އިއްޔެ އިރާނުގެ 50 ފަރާތަކާއި ދެކޮޅަށް ފިޔަވަޅުތައް އިއުލާނު ކޮށްފައެވެ.

އިރާނުން މީގެ ކުރިންވެސް ވަނީ އީޔޫއިންނާއި އިނގިރޭސިވިލާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލުގައި، އެގައުމުތަކުގެ ފަރާތްތަކާއި ދެކޮޅަށްވެސް ހަމަ އެފަދަ ފިޔަވަޅުތައް އިއުލާނު ކޮށްފައެވެ.

އިރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، މި އާ ފިޔަވަޅުތަކަކީ، އެތައް މަސައްކަތްތަކަކާއި، ހަރަދުތަކެއް ކުރުމަށް ފަހުގައިވެސް، އީޔޫއާއި އިނގިރޭވިލާތުން އިރާނުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ފެއިލްވުމުން، އެކަމާއި ރުޅިގަދަވެގެން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

އީޔޫއިން ދަނީ އިރާނުގެ އިންގިލާބީ ސިފައިންނަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް މަސައްކަތް ކުރަމުންނެވެ. އަދި އިރާނުން ވަނީ މިކަމާއި ދެކޮޅަށް އީޔޫއަށް އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޮއްކޮ

    ހެއްހެއް އެމީހުންގެ މުދަލެއް އެމެރިކާ އާއި ޔޫރަޕުނުހުންނާނެ

    8
    1
  2. އަހުސަން

    ރައްދުގައި ނިއުކްލިއަރ ޕްރޮގްރާމް ފުޅާ ކޮށްބަލަ 90ޕ ޔުރޭނިއަމް ފައްކާކުރަން ޖައްސަންވީ އެއިރުން އެމަރިކާ ބިރުން ތެޅިގަންނާނެ