ތައިލެންޑުގެ އުތުރުގައި އޮތް ވަޅަކަށް ވެއްޓުނު ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ.

އުމުރުން އެންމެ އެއް އަހަރާއި އަށް މަހުގެ އެ ކުއްޖާ ވެއްޓުނީ 42 ފޫޓުގެ ފުން ވަޅަކަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިޔަންމާ ގެ ބޯޑަރު ކައިރީގައި އޮންނަ ޓަކް ޕްރޮވިންސްގައި އިއްޔެ މެންދުރު ކުޅެން އުޅެނިކޮށް އެ ކުއްޖާ ވަޅަށް ވެއްޓުނުއިރު، އެ ކުއްޖާ ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފެށިއެވެ.

އެ ކުއްޖާ ވަޅަށް ވެއްޓުނުކަން އެނގުނީ އެ ސަރަހައްދުގައި ކައިރީގައި ހުރި ދަނޑެއްގައި މަސައްކަތް ކުރަމުން ދިޔަ އަންހެން ކުއްޖާގެ މައިންބަފައިންނަށެވެ.

އެއާއެކު އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެންގިއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވަނީ ރޭގަނޑު ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފައެވެ.

އަދި އެކުއްޖާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ކުދިކުދި ޒަހަމްތަކަށް ފަރުވާ ދީފައި ވެއެވެ.

"އެ ކުއްޖާގެ ކިބަގައި ވަރުބަލިކަމުގެ ނިޝާންތައް ހުރި،އެކަމަކު ވައިޓަލްސް ނޯމަލް". އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ލޯކަލް ޕޮލިސް ޗީފް ރަޓްސަރަން ކެޓްސޯއިސިން ވިދާޅުވިއެވެ.

އެ ކުއްޖާއަކީ މިޔަންމާގެ ދެ ހިޖުރަވެރިންގެ އަންހެން ދަރިފުޅެވެ.

އެ ކުއްޖާގެ މައިންބަފައިން ބުނި ގޮތުގައި އެ ކުއްޖާ ގޮވައިގެން ދިޔައީ ކީރީ ރަތް ސަބް ޑިސްޓްރިކްޓްގެ ޓަޕިއޯކާ ހުންނަ ދަނޑަށް މަސައްކަތަށެވެ. އެމީހުން ބުނި ގޮތުގައި އެމީހުން މަސައްކުގައި ޝާމިލްވެ އުޅެން ފަށާފައި ވަނީ ގަހެއްގެ ދަށުގައި އޭނާ ބެހެއްޓުމަށްފަހު އެވެ.

ނަމަވެސް މަސައްކަތުން ކުޑަ ބްރޭކެއް ނެގި ގަޑީގައި ކުއްޖާ ފެންނަބް ނެތުމުން އެމީހުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި ކައިރީގައި ހުރި ވަޅުން އެ ރޯ އަޑު އިވެން ފެށުމުން އާއްމުންގެ އެހީއަށް އެދުނެވެ.

ރެސްކިއު ޓީމުތަކަށް ރޭގަނޑު މެކޭނިކަލް ޑިގަރެއް ބޭނުންކޮށްގެން މަސައްކަތް ކޮށްފައި ވެއެވެ.

އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރަމުންދިޔައިރު، އެ ކުއްޖާ އަށް ނޭވާލެވޭ ގޮތަށް ވަޅަށް އޮކްސިޖަން ދިޔައީ ފޯރުކޮށްދެމުންނެވެ.

ޕީބީއެސް ތައިލޭންޑުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެސްކިއު ވޯކަރުން އެ ކުއްޖާއާ ހަމައަށް ހެނދުނު ފޯރުނު ނަމަވެސް އެކުއްޖާގެ ފައިގައި ޒަހަމްތަކެއް ހުރި ކަމަށް ބެލެވޭތީ ވަގުތުން ކުއްޖާ ނެގިފައި ނުވެއެވެ.

ނަމަވެސް ފަހުން އެ ކުއްޖާ ސަލާމަތުން އެ ވަޅުން ނެގުމާއެކު އުފާ ފާޅުކުރުން ކުރިއަށް ގެންގޮސްފައި ވެއެވެ.