ނިއުޒީލެންޑުގެ އުތުރަށް އުފެދިފައިވާ ތޫފާނުގެ ސަބަބުން އެގައުމުގެ އެތައް ހާސް ގެއަކަށް ކަރަންޓު ކެނޑިއްޖެއެވެ.

އެ ގައުމުގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓަރު ކިރަން މެކްއަނަލްޓީ ވިދާޅުވީ ވައިގަދަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިއީ ވަރަށް ނުރައްކާތެރި ދުވަހަކަށް ވާނެ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ތޫފާނުގެ ހާލަތު ކުރިން އޮތް މިންވަރަށް ވުރެ ބަލިކަށިވި ނަމަވެސް މިހާރު ވެސް ވަނީ ގަސްތައް ވެއްޓި، މަގުތައް ހަލާކުވެ، ކަރަންޓް ލައިންތައް ވެސް ވެއްޓިފައެވެ.

މި ތޫފާނުގެ ސަބަބުން އޮކްލޭންޑް ހިމެނޭ ގޮތަށް އުތުރުގެ ފަސް ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނު ކޮށްފައެވެ.

ނިއުޒިލޭންޑްގެ ނޯތު އައިލެންޑްގެ 58،000 އެއްހާ މީހުން ކަރަންޓު ކެނޑިފައި އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އޮފިޝަލުން ވަނީ ނެޓްވޯކް އަލުން އިއާދަކުރަން ދުވަސްތަކެއް ނަގާނެ ކަމުގެ އިންޒާރު ދީފައެވެ.

"މޫސުން އެހާ ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ހަގީގަތުގައި ނެޓްވޯކްގައި މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް،" މެކްއަނަލްޓީ ވިދާޅުވި އެވެ.

ނިއުޒީލެންޑުގެ 1.6 މިލިއަން މީހުން ދިރިއުޅޭ އެންމެ ބޮޑު ސިޓީގައި މިދިޔަ މަހު ފެންބޮޑުވުމުގެ ސަބަބުން ހަތަރު މީހަކު މަރުވެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހުނު ހާދިސާއިން އަދިވެސް ގިނަބަޔަކު އަރައި ނުގަނެވެއެވެ.