ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމަކީ އެގައުމުގެ އާބާދީ ކޮންޓްރޯލް ކުރަން ހުޅަނގުން "ރާވާފައިވާ ރޭވުމެއް" ކަމަށް ބުނެ، އަފްޣާނިސްތާނުގައި ދޭތެރެ ދުރުކުރާ ބޭސް ބޭނުން ކުރުން، އެގައުމުގައި ވެރިކަން ކުރާ ޠާލިބާނުން މަނާކޮށްފިއެވެ.

އަފްޣާނިސްތާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޠާލިބާންގެ އޮފިޝަލުން ދަނީ ވެރިރަށް ކާބުލް، އަދި އުތުރުގެ މަޒަރް އޭ ޝަރީފް ގެ ބޭސްފިހާރަތަކަށް ޒިޔާރަތް ކޮށް، އެ ތަންތަނުގައި ހުރި ދޭތެރެ ދުރުކުރާ ބޭހާއި، އެފަދަ ބާވަތްތައް ނެގުމަށް އަމުރު ކުރަމުންނެވެ. އަދި އޮފިޝަލުން ފޫޅުމައިންނަށް އިންޒާރު ދެމުންދާ ކަމަށްވެސް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އަފްޣާނިސްތާނަށް ދޭތެރެ ދުރުކުރާ ބޭސް އެތެރެ ކުރުން ޠާލިބާނުން މަނާކޮށްފައި ވާއިރު، އެގައުމުގައި މިހާރު ހުރި ބޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.

"އެ މީހުން އަހަރެންގެ ފިހާރައަށް ދެ ފަހަރު އައި ބަޑި ހިފައިގެން، އަދި ދޭތެރެ ދުރުކުރާ ބޭސް ނުވިއްކަން އަހަންނަށް އިންޒާރު ދިން." ބޭސްފިހާރައެއްގައި އިން ފާމަސިސްޓަކު ބުނެފައިވެއެވެ. "އެމީހުން ދަނީ ކާބުލްގެ ހުރިހާ ބޭސްފިހާރަތަކެއް ގަވާއިދުން ޗެކް ކުރަމުން. އަދި އަހަރެމެން މިހާރު އެ ބާވަތްތައް ވިއްކުން ހުއްޓާލައިފިން."

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިކަމާއި ގުޅިގެން ޠާލިބާނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ރަސްމީކޮށް ބަޔާނެއް ނެރެފައި ނުވި ނަމަވެސް، ދަރިމައިނުވުމަށް ބޭނުންކުރާ އެކި ބޭސްތަކާއި، އުކުޅުތަކަކީ "ހުޅަނގުގެ އެޖެންޑާ އެއް" ކަމަށް ބުނެ އެ ޖަމާއަތުން ދަނީ މި ފިޔަވަޅު ދިފާއު ކުރަމުންނެވެ.

ދޭތެރެ ދުރުކުރުމާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރުން މަނާކޮށްފައިވާ ކަމަށްވެސް ފޫޅުމަޔަކު ވަނީ ބުނެފައެވެ.

" އާބާދީ ކޮންޓްރޯލް ކުރުމުގެ ހުޅަނގުގެ ހިޔާލު މީހުންގެ ތެރޭގައި ޕްރޮމޯޓް ކޮށްގެން ނުވާނެ. އެއީ ބޭކާރު ކަމެއް." ޠާލިބާނުގެ ކޮމާންޑަރަކު އެންގި ކަމަށް ފޫޅުމަޔަކު ބުނެފައިވެއެވެ.

ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް ހޯދާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އަދި އޭގެ ފަހުން އެގައުމުގައި އަންހެނުންނާއި ދެކޮޅަށް އެ ޖަމާއަތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އަންހެނުން ޔުނިވާސިޓީ ތައުލީމު ހާސިލުކުރުން، މިދިޔަ ޑިސެމްބަރު މަހު އެ ޖަމާއަތުން ވަނީ މަނާކޮށްފައެވެ. އޭގެ ކުރިންވެސް އެ ޖަމާއަތުން ވަނީ އަންހެން ކުދިން ސުކޫލަށް ދިއުން މަނާ ކޮށްފައެވެ. އަދި އަންހެނުން ޖިމްތަކަށާއި، ޕާކުތަކަށް ދިއުންވެސް އަފްޣާނިސްތާނުގައި އޮންނަނީ މަނާކޮށްފައެވެ.