އިންސާނުން އެމީހުންގެ ބަރުދަނަށްވުރެ ފަލަ ވަމުންދާ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުން ފާޅުކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެކަންބޮޑުވުންތަކުގެ އަސަރު މީހަަކަށް ކުރާހެނެއް ހިއެއް ނުވެއެވެ. އެންމެފަހުން އާއްމުކުރި ކަމާއި ގުޅުންހުރި ރިޕޯޓެއް ބުނާ ގޮތުގައި 2035 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތިބޭނީ އެމީހުންގެ އިސްކޮޅާއި ބަލާއިރު ތިބެން ޖެހޭ ވަރަށް ވުރެ ބޮޑަށް ފަލަވެފައެވެ.

ވޯލްޑް އޮބެސިޓީ ފެޑްރޭޝަނުން އާއްމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފަލަ މީހުން އެންމެ ބޮޑަށް ދެން އިތުރުވަމުން އަންނާނީ މަދު އާމްދަނީއެއް ލިބޭ ގައުމުތަކާއި އަދި މެދުމިނުގެ އާމްދަނީއެއް ލިބޭ އެފްރިކާ އާއި އޭޝިއާގެ ގައުމުތަކުގައެވެ.

ފަލަ މީހުން ގިނަވުމުގެ ސަބަބުން ގައުމުތަކުން ކުރަން ޖެހޭ މާލީ ހޭދަތައް ވެސް އިތުރުވެގެން ދާނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. 2035 ވަނަ އަހަރު އަންނައިރު ފަލަ މީހުން އިތުރުވުމުގެ ސަބަބުން ގައުމުތަކުން ކުރަން ޖެހޭ ހޭދަ އަހަރަކު ހަތަރު ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރު، ހަތަރު ބިލިއަން މީހުން 2035 ވަނަ އަހަރު އަންނައިރު ދުނިޔޭގައި ތިބޭނެއެވެ.

ރިޕޯޓް އެކުލަވާލި ސައިންސްވެރިން ވަނީ މިއީ އިންޒާރެއް ކަމަށް ގަބޫލުކޮށް، ފަލަ މީހުން މަދު ކުރަން ގައުމުތަކުން މިހާރުން މިހާރަށް މަސައްކަތް ފެށުމަށް ގޮވާލާފައެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޑަކުދިންނާއި، ފުރާވަރު އުމުރުގެ ކުދިން ފަލަ ވަމުންދާ އަދަދު ވަރަށް ބޮޑަށް އިތުރުވުމެވެ. 2020 ވަނަ އަހަރު ކުޑަކުދިންނާއި، ފުރާވަރު އުމުރުގެ ކުދިން ފަލަ ވަމުން ދިޔަ ނިސްބަތް މިހާރު ވެސް ހުރީ ދެގުނަ ވެފައެވެ.

"އަހަރެމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން މިފަދަ ކަންކަމަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދިނުން. މިކަމުގެ ނަތީޖާއަކަށް ވެގެން ދާނީ ސިއްހީ، އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން އަދާކުރަން ޖެހޭ އަގު ބޮޑުވެގެން ދިއުން." ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރ ވިދާޅުވިއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފަލަ މީހުން އިތުރުވަމުން އަންނަ ސަބަބަކީ ކެއިން ބުއިމުގައި ބޭނުން ކުރާ ސިއްހަތައް ގެއްލުން ހުރި ބާވަތްތަކާއި، މީހުންގެ ދިރިއުޅުމުގެ އާދަތަކެވެ. ސިއްހަތައް ގެއްލުން ހުރި ބާވަތްތައް ބާޒާރަށް ނެރުމުގައި ސަރުކާރުތަކުން މާބޮޑު ހިފެހެއްޓުންތަކެއް ނުގެންގޫޅޭތީ އެކަމުގެ ކަންބޮޑުވުން ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ހުޅަނގުގެ ގައުމުތަކުގައި ފަލަ މީހުންގެ ނިސްބަތް އިތުރުވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން އެގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ވެސް އަންނަނީ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިއީ އަހަރުމެން ހައިރާންވާ ކަމެއް ނޫން
    މީގެ 1400 އަހަރު ކުރިން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، ފަހު ޒަމާނުގައި ފަލަމީހުން އިތުރުވާނެކަމަށް ޚަބަރު ކުރެއްވި ޞައްޙަ ޙަދީސްފުޅަށް އަޅުގަނޑުމެން އީމާންވާތީއެވެ.

    9
    1
    • ޖުހާ.

      މިކޮމެންޓު ކިޔާލީމަ ހީވަނީ ފަލަބަލި ގިނަވީ ރަސޫލާ އެހެން ހަދީސްކުރެއްވުމުގެ ސަބަބުންހެން. އަސްލަކީ މީހުންގެ އުޅުން ނުބައިވުމުގެ ސަބަބުން ފަލަބަލި ގިނަވީ. ހަދީސްފުޅު އެއީ އެކަލޭގެފާނުގެ ނުބުއްވަތުގެ ތެދުކަމަށް އޮތް ދަލީލެއް.