އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވިކަމަށް ސާބިތުވުމުން އައި ޖަލު ހުކުމާއެކު ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިވެސް ގެއްލިއްޖެ އެވެ.

ރާހުލްއަށް ގުޖުރާތުގެ ކޯޓުން އެ ހުކުމް އިއްވީ 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕޭންއެއްގައި ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

އެގޮތުން ގިނަ ވަގުންތަކަކަށް މޯދީ ކިޔަނީ ކިއްވެގެންތޯ ރާހުލް އޭރު ސުވާލު ކުރެއްވި އެވެ. އޭގެ ތެރޭގައި ނިރަވް މޯދީއާއި ލަލިތު މޯދީ އަދި ނަރެންދުރަ މޯދީގެ ނަން ގެންނެވި އެވެ.

އެ މައްސަލައިގައި ރާހުލް އަށް އިއްވީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. އެއާއެކު ރާހުލްގެ ގޮނޑި ގެއްލިފައިވާ ކަން ގާނޫނު ހަދާ މަޖިލީހުން މިހާރު އޭނާއަށް ވަނީ އަންގައިފަ އެވެ.

ނަމަވެސް ކޮންގްރެސްއިން ބުނީ އެ ހުކުމް ބަލައިނުގަނަވޭނެ ކަމަށާއި އަދި ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތް ކުރާނެ ކަމަށެވެ. އެ މައްސަލަ އަދި މަތީ ކޯޓުތަކުގައި އިސްތިއުނާފްވެސް ކުރެވޭނެ އެވެ.

ރާހުލްއަށް އިއްވި ހުކުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލުންނާއި އަދި ނޫސްވެރިންވެސް ހިމެނެ އެވެ.

އަދި ވަކި މީހަކަށް ސީދާ އަމާޒު ނުކޮށް ރާހުލް ދެއްކެވި ވާހަކަތައް ދައްކައިގެން ޖަލަށް ނުލެވޭނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާމިޔާބީ

    ބީޖޭޕީ ސަރުކާރުން މުސްލިމުނާދޭތެރޭ ކަންތައްތައް ކުރާގޮތުން ވަރަށް ބޮޑަށް ފާޑުކިޔާ ބޭފުޅެއް ރާހޫލް ގާންދީއަކީ ހިންދޫންނާއި މުސްލިމުން ތަފާތު ކުރާ ބޭފުޅެއް ނޫން ރާހޫލް އަކީ