އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން، މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާ އަށް ވަދެ، އެ މިސްކިތަށް ނަމާދަށް ދިޔަ ޒުވާނެއް ގަޔަށް ބަޑި ޖަހައިފިއެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ފިރިހެނެއް މިސްކިތް ތެރެއަށް ވެއްޓިފައި އޮތް މަންޒަރެވެ. އޭރު އިސްރާއީލްގެ ސިފައިން މިސްކިތް ތެރެއަށް ވަދެގަނެގެން އުޅޭ މަންޒަރު ފެނެއެވެ.

މި ވީޑިއޯ އާންމުކޮށްފައި ވަނީ ފަލަސްތީންގެ ހަބަރުތައް ގެނެސްދޭ، މަޝްހޫރު ނޫހެއް ކަމަށްވާ ޓައިމްސް އޮފް ޣައްޒާއިންނެވެ. މި ވީޑިއޯއާ އެކު އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތް ތެރެއަށް ވަދެ، އެ ތަނުގައި ނަމާދު ކުރަން ތިބޭ މީހުންނަށް އަނިޔާ ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. މި ރޯދަ މަސް ފެށުނު ފަހުން އިސްރާއީލްގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނަ އަޅައިގެން ގޮސްފައެވެ.

އިސްރާއީލް ސިފައިން ވަނީ ނަމާދަށް ގޮސް ތިބި އެތައް ބަޔަކު ހައްޔަރު ވެސް ކޮށްފައެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލް ސިފައިން އަގްސާ މިސްކިތުގެ ތެރެއަށް ވަދެ ނަމާދަށް ތިބި މީހުންނަށް ރައިފަލްގެ މުއްގަނޑުންނާއި، މުގުރު ބުރިތަކުން ހަމަލާ ދީފައި ވެއެވެ. އެތައް ބަޔަކު މިސްކިތްތެރެއަށް ވައްޓާލައިގެން އެމީހުންނަށް އިސްރާއީލް ސިފައިން އަނިޔާ ކުރަމުން ދިޔަ މަންޒަރު ވެސް ފެނުނު ކަމަށް މީޑިއާތަކަށް މައުލޫމާތު ދިން މީހުން ބުނެފައި ވެއެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތްތައް ވަދެ، ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމާސް ޖަމާއަތުން ވަނީ އަގްސާ މިސްކިތް ހިމާޔަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ.

ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު ސައްތާހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަގްސާ މިސްކިތުގައި ނަމާދު ކުރުމަކީ ހުރިހާ މުސްލިމުންނަށް ވެސް އޮތް ހައްގެއް ކަމަށާއި ޔަހޫދީން އެމިސްކިތައް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިސްރާއީލުން ގުދުސް އާއި ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަކާއި އަނިޔާވެރި އަމަލުތައް ވަނީ ފާއިތުވި ދެއަހަރު ކުރިއަށް ވުރެވެސް އިތުރު ކޮށްފައެވެ.