ޖަޕާނުގެ ހުޅަނގު ދެކުނު އޮކިނާވާ އައިލެންޑް ޗެއިންގައި ހިމެނޭ މިއާކޯޖިމާ ކައިރިން 10 މީހުންނާއެކު ދަތުރުކުރި އެގައުމުގެ އަސްކަރީ ހެލިކޮޕްޓަރު ވެއްޓިއްޖެއެވެ.

މި ހާދިސާގައި ސަލާމަތްވި މީހަކު ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ޖީއެސްޑީއެފްގެ ވެރިޔާ ޖެނެރަލް ޔަސުނޯރީ މޮރިޝިތާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބްލެކް ހޯކްގެ ނަމުން މަޝްހޫރުވެފައިވާ ޔޫއެޗް60 ޓްރޫޕް ޓްރާންސްޕޯޓް ރާޑަރު ޓްރެކިންގއިން ގެއްލިފައި ވަނީ މިއާކޯޖިމާގައި ހުންނަ ގްރައުންޑް ސެލްފް ޑިފެންސް ފޯސް ބޭސްއިން ނުކުތް ފަހުން ކަމަށެވެ.

މޮރިޝިތާ ވިދާޅުވި ގޮތުގައި އެ ހެލިކޮޕްޓަރު ޕެޓްރޯލް ކުރަމުން ދިޔައީ މިޔަކޯޖިމާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި އޭރިއަލް ރިކޮނިސެންސް މިޝަނެއްގެ ތެރެއިންނެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވީ ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދެނީ އެ ހެލިކޮޕްޓަރުން ދަތުރު ކުރި މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.

ގެއްލުނު ހަތަރު ހެލިކޮޕްޓަރުގެ ފަޅުވެރިންނާއި ހަ ފަސިންޖަރުން ހޯދުމުގެ މަސައްކަތް ޖަޕާނުގެ ކޯސްޓްގާޑާއި އަސްކަރީ އުޅަނދުތަކާއި މަތިންދާބޯޓުތަކުން ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގެއްލުނު މީހުންގެ ތެރޭގައި ޖީއެސްޑީއެފްގެ ސީނިއާ ކޮމާންޑަރެއް ކަމަށްވާ ޔުއިޗީ ސަކަމޯޓޯ ވެސް ހިމެނެ އެވެ.