އައިއެސްގެ ލީޑަރު ކަމަށް މިހާރު ތުހުމަތު ކުރެވޭ ލީޑަރު ކަމަށްވާ އަބޫ ހުސެއިން އަލް-ޤުރައިޝީ މަރާލައިފިއެވެ. އަބޫ ހުސެއިން މަރާލާފައި ވަނީ ސީރިއާގައި ތުރުކީވިލާތުގެ އިންޓެލިޖެންސް އެޖެންސީ އެމްއައިޓީ އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދޮޣާން ޓީވީ މެދުވެރިކުރައްވާ ގައުމާއި މުހާތަބު ކުރައްވަމުން ވިދާޅުވީ ހޮނިހިރު ދުވަހު ތުރުކީވިލާތުގެ ޖާސޫސީ އިދާރާ އިން ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައި އަބޫ ހުސެއިން މަރާލާފައިވާ ކަމަށެވެ.

އަބޫ ހުސެއިން އައިއެސް ޖަމާއަތުގެ ލީޑަރު ކަމާއި ހަވާލުވީ މިދިޔަ ނޮވެމްބަރ މަހު އޭރު އެޖަމާއަތުގެ ލީޑަރަކަށް ހުރި އަބޫ ހަސަން އަލް-ހާޝިމީ އަލް-ޤުރައިޝީ މަރާލުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އައިއެސްގެ ލީޑަރު މަރާލީ ތުރުކީވިލާތުގެ އިންޓެލިޖެންސް އެޖެންޓުންނާއި ސީރިއާގެ މިލިޓްރީ ފުލުހުން ގުޅިގެން ހޮނިހިރު ދުވަހު ސީރިއާގެ ޖިންދިރެސް ނަމަކަށް ކިޔާ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އައިއެސްގެ ލީޑަރު މަރާލާފައި ވާއިރު އޭޕްރީލް މަހު އެމެރިކާ އިން ވަނީ އައިއެސް އިން އެމެރިކާ އާއި ޔޫރަޕްގައި ހަމަލާއެއް ދޭން ރާވަމުންދާ ކަމަށް ބުނެފައެވެ. އައިއެސް އިން ހަމަލާއެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެމެރިކާ އިން އޭޕްރީލް މަހު ސީރިއާގެ އުތުރުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކެއްގައި ވެސް އައިއެސްގެ އިސް މެންބަރުންތަކެއް މަރާލިއެވެ.

2014 ވަނަ އަހަރު އިރާޤީ ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރި އައިއެސް ޖަމާއަތް މިހާރު ވަނީ ވަރަށް ބޮޑަށް ނިކަމެތިވެ ބަލިކަށިވެފައެވެ. ނަމަވެސް އެޖަމާއަތުގެ އުސޫލުތަކަށް ތަބާވާ އެތައް ބަޔަކު އަދިވެސް ދުނިޔޭގެ އެތަން މިތަނުގައި ތިބުމުން ޖަމާއަތުގެ ނުރައްކާ ކުޑަ ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިހާރު ވެސް އައިއެސް އިން އަންނަނީ ސީރިއާގެ އެކި ސަރަހައްދުތަކުގައި ދޭގެތެރެ ދޭތެރެއިން ހަމަލާތައް ދެމުންނެވެ.