ހުޅަނގުގެ އެކި މީހުން ރަހީނުކޮށް، އަނިޔާކޮށް، މަރާލުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ، "އައިއެސް ބީޓަލްސް" އޭ ކިޔާ ގުރޫޕުގެ މެމްބަރަކު، އެމެރިކާގެ ޖަލުގެ ނިޒާމުން ގެއްލިއްޖެއެވެ.

އެމެރިކާގެ ފެޑެރަލް ޕްރިޒަން ބިއުރޯ (ބީއޯޕީ)ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، 39 އަހަރުގެ އަލެކްސާންޑަރ ކޮޓޭ މިހާރު ޕެންސިލްވޭނިއާގެ ހައި ސެކިއުރިޓީ ކަނާން ޖަލަކު ނެތެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ކޮޓޭ، އެމެރިކާގެ ޖަލުގައި ބަންދު ކުރެވިފައިވަނީ މިދިޔަ އަހަރުއެވެ. އޭނާ ޖަލަށް ލާފައި ވަނީ 2012 އިން 2015 ވަނަ އަހަރާއި ދެމެދު، ސީރިއާގައި، އައިއެސް ޖަމާއަތުން ރަހީނުކުރި މީހުންނަށް އަނިޔާކުރުމާއި، ބޯބުރިކޮށް މަރާލުމާއި ގުޅިގެން ކުރެވުނު 8 ޖިނާއީ ދައުވާ، 2021 ވަނަ އަހަރު ކޮޓޭގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

ޖަލުން ކޮޓޭ ގެއްލުމާއި ގުޅިގެން، އޭނާ މަރާލާފައިވާ މީހުންގެ އާއިލާތަކުން ދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.

"ޖިހާދީ ޖޯޖު" ގެ ނަމުން މަޝްހޫރު ކޮޓޭ ކަނާން އަށް ފޮނުވާލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. އޭނާ ވަނީ ކޮލޮރާޑޯގައި ހުންނަ ފްލޮރެންސް ޖަލުގައި ހުކުމް ތަންފީޒުކުރުމުން ސަލާމަތް ވުމަށްޓަކައި، ދައުލަތަށް އެއްބާރުލުން ދޭން އެއްބަސްވެފައެވެ.

ކުރުދީ ހަނގުރާމަވެރިން ކޮޓޭ ހައްޔަރު ކުރުމަށްފަހު ގެނދަނީ----

ނަމަވެސް ކޮޓޭ ޖަލަށް ފޮނުވާލިތާ ހަމަސްވެސް ނުވަނީސް މިހާރު ޕްރިޒަން ނިޒާމުގެ ވެބްސައިޓުގައި އޭނާގެ ނަން އޮންނަނީ "ފެޑެރަލް ޕްރިޒަން ބިއުރޯގެ ބެލުމުގެ ދަށުގައި ނެތް" ކަމަށެވެ.

ފެޑެރަލް ޕްރިޒަން ބިއުރޯގެ ތަރުޖަމާނަކާއި ހަވާލާދީ ޑެއިލީމެއިލް ނޫހުން ބުނެފައިވާ ގޮތުގައި، ބިއުރޯގެ ބެލުމުގެ ދަށުގައި ނެތް ކަމަށް ލިސްޓުކުރެވޭނެ "ވަރަށް ގިނަ" ސަބަބުތައް ހުރެއެވެ. ނަމަވެސް ކޮޓޭ އެ ލިސްޓުގައި ހިމެނުނު ސަބަބެއް ތަރުޖަމާނު ހާމަކޮށްފައެއް ނުވެއެވެ.

"ބީއޯޕީގެ ހައްޔަރުގައި ތިބި ހުކުމް ފުރިހަމަ ނުކުރާ ގައިދީން، ކޯޓު އަޑުއެހުންތަކަށް ދާއިރު، ސިއްހީ ހިދުމަތް ހޯދުމަށް ދާއިރު، ނުވަތަ އެހެން ސަބަބުތަކަށްޓަކައި ކުޑަ ވަގުތުކޮޅަކަށް ބީއޯޕީގެ ހައްޔަރުގައި ނުހުންނަ ކަމަށް ވެދާނެ." ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެހެން މައްސަލައެއްގެ ތަހުގީގަށް އެހީތެރިވުމަށް ކޮޓޭ އެހެން ގައުމަކަށް ގެންގޮސްފައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކޮޓޭ އަކީ މީގެ ދިހަވަރަކަށް އަހަރު ކުރިން އައިއެސް އިން މީހުން ރަހީނުކުރަން ގެންގުޅުނު ސްކީމު ހިންގުމުގައި އިސްކޮށް އުޅުނު މީހެކެވެ. އެ ގުރޫޕުގައި އުޅުނު ހަތަރު މީހުންގެ ވާހަކަދެއްކުމުގައި ގެންގުޅޭ އިނގިރޭސި ރާގުގެ ސަބަބުން، ރަހީނުކުރެވުނު މީހުން އެމީހުންނަށް ދީފައިވާ ނަމަކީ "ބީޓަލްސް" އެވެ.

ބީޓަލްސްގެ މެމްބަރުން ވީޑިއޯތަކުގައި ތިބެނީ މާސްކު އަޅައިގެން މޫނު ފޮރުވައިގެންނެވެ. ރަހީނުކޮށްފައިވާ މީހުންގެ ބޯ ބުރިކުރުމުގެ ކުރިން އޮރެންޖު ކުލައިގެ ހެދުމެއް ލައްވާފައި ތިބޭ މަންޒަރުތައް ފެންނަ ވީޑިއޯތައް އައިއެސް ޖަމާއަތުން އެދުވަސްވަރު އާންމުކުރަމުން ދިއުމުގެ ސަބަބުން މުޅި ދުނިޔެވެސް އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

މި ޖަމާއަތުން 27 މީހުން ރަހީނުކޮށް މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އެމެރިކާގެ 4 މީހުންނާއި އިނގިރޭސި ވިލާތުގެ 2 މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި އެހީދިނުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ފަރާތްތައް ހިމެނެއެވެ.

އެ ޖަމާއަތުން މަރާލާފައިވާ އެހީދޭ ހިދުމަތްތެރިއެއް ކަމަށްވާ އިނގިިރޭސިވިލާތުގެ ޑޭވިޑް ހައިންސް ގެ އަންހެން ދަރިފުޅު، ބެތަނީ ހައިންސް، 24، ބުނެފައިވަނީ ކޮޓޭ އަދިވެސް އެމެރިކާގެ ޕީނަލް ސިސްޓަމުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. އަދި އިދާރާތަކުން "އޭނާ އާއި އެކުގައި" މަސައްކަތްކޮށް، އޭނާއަށް ލުއިފަސޭހަކަން ދީފާނެތީ ކަންބޮޑުވުން ފާޅުކޮށް ބެތަނީ ބުނެފައިވަނީ، ކޮޓޭ މުޅި އުމުރަށްވެސް ހުންނަން ޖެހޭނީ ހަރުކަށި ޖަލެއްގައި ކަމަށެވެ.

ޑޭވިޑް ހައިންސްއާއި އޭނާގެ އަންހެން ދަރިފުޅު ބެތަނީ ހައިންސް ގެ ކުރީގެ ފޮޓޯއެއް ---

ކޮޓޭ ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރު ސީރިއާގެ ކުރުދީ ހަނގުރާމަވެރިންނެވެ. އެއަށްފަހު ހަނގުރާމަވެރިން ވަނީ އިރާގުގައި ތިބި އެމެރިކާ ސިފައިންނާއި އޭނާ ހަވާލުކޮށްފައެވެ.

މި ޖަމާއަތުގައި އިތުރަށް ހިމެނޭ ކަމަށް ބުނެވެނީ އަލް ޝާފީ އަލްޝޭޚު އާއި "ޖިހާދީ ޖޯން" ގެ ނަމުން މަޝްހޫރުވި މުހައްމަދު އެމްވަޒީއެވެ. ޖިހާދީ ޖޯން ވަނީ މިސައިލް ހަމަލާއެއްގައި 2015 ވަނަ އަހަރު މަރާލާފައި ކަމަށް ބުނެވެއެވެ. އައިއެސް އިން މީހުންގެ ކަރުބުރިކުރާ ވަރަށް ގިނަ ވީޑިއޯތަކުގައި، އެމީހުން މަރާލާފައިވަނީ ޖިހާދީ ޖޯންއެވެ.

އަލްޝާފީ ވަނީ ކޮޓޭ އާއި އެކު ހައްޔަރުކޮށް، އެމެރިކާއާއި ހަވާލުކޮށްފައެވެ. އޭނާވެސް ދަނީ އެމެރިކާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިންކީސް

    ޖޯޖުމެންގެ އުކުލުތައް ހުންނާނެ.

    4
    1
  2. ޖުހާ.

    ތިއަމީހާ މިހާރުވާނީ ސަހަރާގަ.