ދުނިޔޭގެ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސްގެ ލީޑަރު ހަމްޒާ އަލް ހޯސީ މަރާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހަމްޒާ މަރާލާފައި ވަނީ އެމެރިކާ ސިފައިންނާއި ސީރިއާ ސިފައިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި ހަމަލާގައި ދެ ގައުމުގެ ސިފައިންގެ ތިބި ހެލިކޮޕްޓަރުގައި އެއްޗެއް ގޮވައި ހަތަރު މީހަކަށާއި އެމީހުން ގެންގުޅުނު ކުއްތާއަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޒަހަމްވެފައި ވަނީ އެމެރިކާގެ ސާވިސް މެމްބަރުންތަކަކަށެވެ.

މި އެންމެންނަށް ވެސް އިރާގުގައި ފަރުވާދެމުން އަންނަ ކަމަށްވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހުކުރު ދުވަހު ބުނީ އެމީހުންނަށް އަނިޔާ ލިބުނީ އެއްޗެއް ގޮވުމުގެ ސަބަބުން ކަމަށެވެ. ގޮވާފައި ވަނީ ކޮން އެއްޗެއް ކަން ސާފު ނުވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުންޏެވެ.

މި އޮޕަރޭޝަންގައި އައިއެސްގެ ލީޑަރު ހަމްޒާ މަރާލި ކަން އެމެރިކާ އިން ކަށަވަރުކޮށްދެއެވެ.

"މި ސާވިސް މެމްބަރުންނަށާއި ކުއްތާ އަށް ފަރުވާ ދެނީ އިރާގުގައި ހުންނަ އެމެރިކާގެ މެޑިކަލް ފެސިލިޓީއެއްގައި،" އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ބަޔާނުގައިވެއެވެ.

ހަމްޒާ މަރާލި އިރު، އައިއެސްގައި އޭނާގެ ދައުރެއް އެނގިފައެއް ނުވެއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެމެރިކާ އާއި ސީރިއާގެ އަސްކަރިއްޔާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިބްރާހިމް އަލް ގަހްތާނީ ނަމަކަށް ކިޔާ އައިއެސްގެ އޮފިޝަލަކު ވަނީ މަރާލައިފައެވެ. އޭނާ މަރާލާފައި ވަނީ ޑިޓެންޝަން ސެންޓަރުތަކުގައި ތިބި އައިއެސްގެ ގައިދީންތަކެއް މިނިވަން ކުރަން ރޭވި މައްސަލައިގައެވެ.

މިދިޔަ ޖެނުއަރީ މަހު ސޯމާލިއާގައި ހިންގި ރެއިޑެއްގައި އައިއެސްގެ އިސް އޮފިޝަލުންތަކަކެއް ވެސް މަރާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ.

    މަރާލީ ދިރުނީ. މާދަމާ ކޮންމެވެސް އެހެން ނަމެއްގައި ތިއަމީހާ ދިރިގެން ތެދުވާނެ. އިސްލާމީ ގައުމުތަކަށް މިއޮތީ ވިގަނިއަރާފަ.

    2
    2