ސީރިއާގެ އުތުރުގައި ހެލިކަޕްޓަރުގައި ހިންގި އޮޕަރޭޝަނެއްގައި އައިއެސްގެ ދެ އޮފިޝަލުން މަރާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމީހުން މަރާލާފައިވަނީ ސީދާ ކޮން ސަރަހައްދަކުން ކަމެއް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ. މި އޮޕަރޭޝަނުގައި ފުރަތަމަ ބެލި ބެލުމުން އާންމުންގެ އެއްވެސް މީހަކު މަރުވެފައި ނުވާކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ.

އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަރާލާފައިވާ އެކަކީ އަނަސް ކިޔާ އޮފިޝަލެއް ކަމަށެވެ. އޭނާއަކީ ސީރިއާގެ އުތުރުގައި އެ ޖަމާއަތުން ދޭ ހަމަލާތަކާއި ހިންގާ އޮޕަރޭޝަންތައް ރާވާ ހިންގުމުގައި ބައިވެރިވާ މީހެއްކަމަށްވެސް ބަޔާނުގައި ވެއެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އައިއެސް އިން ވަނީ އެޖަމާއަތުގެ ލީޑަރު އަބޫ ހަސަނުލް ހާޝިމީ އަލް ގުރައިޝީ މަރުވެފައިވާކަން އިއުލާންކޮށްފައެވެ. އެމެރިކާއިން ބުނެފައިވަނީ އޭނާ މަރާލައިފައިވަނީ ސީރިއާގެ ހަނގުރާމަވެރިން އޮކްޓޯބަރު މަހު ސީރިއާގެ ދެކުނުގެ ޑެރާ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަލްގުރައިޝީ އައިއެސް ގެ ލީޑަރު ކަމާއި ހަވާލުވީ މިއަހަރުގެ ފެންރުއަރީ މަހު އޭރުގެ ލީޑަރު އަބޫ އިބުރާހީމުލް ގުރައިޝީ އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގައި މަރާލުމުންނެވެ.

ސީރިއާގައި ހަނގުރާމަކުރަމުންދާ ކުރުދީންގެ ހަނގުރާމަވެރިންނާއި އެމެރިކާ ގުޅިގެން ވަނީ 2014 އިން ފެށިގެން އިރާގާއި ސީރިއާގެ ސަރައްދުތަކެއް ހިފާފައިވާ އައިއެސް ޖަމާއަތުގެ ބާރުގެ ދަށުން ހުރިހާ ސަރަހައްދެއް އަތުލާފައެވެ. އެމީހުންގެ ބާރުގެ ދަށުން އެންމެ ފަހު ސަރަހައްދު ދޫވެފައިވަނީ 2019 ވަނަ އަހަރުއެވެ. ނަމަވެސް އަދިވެސް އެ ޖަމާއަތުގެ ފޮރުވިގެން ތިބި މެމްބަރުން ދަނީ އިރާގާއި ސީރިއާގައި ނުރައްކާތެރި ހަމަލާތައް ދެމުންނެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އެ ޖަމާއަތަކީ އަދިވެސް ސަރަހައްދުގެ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް" ކަމަށެވެ.

ސީރިއާގެ ހަނގުރާމައިގެ ކަންތައްތައް ބަލަމުންދާ އޮބަޒަވޭޓަރީއަކުން ބުނެފައިވަނީ މި އޮޕަރޭޝަނަކީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އައިއެސް އާއި ދެކޮޅަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ. މި އޮޕަރޭޝަނުގައި ކުރުދީން ހިންގާ އެސްޑީއެފް ޖަމާއަތުންވެސް ބައިވެރިވެފައިވާ ކަމަށް އެ އޮބްޒަވޭޓަރީން ވަނީ ބުނެފައެވެ.

ސީރިއާގައި މިހާރުވެސް އައިއެސް އާއި ހަނގުރާމަކުރުމަށް އެސްޑީއެފް ހަނގުރާމަވެރިންނަށް ވާގިވެރިވުމަށްޓަކައި އެމެރިކާގެ އެތައް ސަތޭކަ ސިފައިންނެއް ތިބެއެވެ. ތުރުކީން މިފަހުން ސީރިއާގެ ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ހަމަލާތައް ދޭން ފެށުމުން އެސްޑީއެފް އާއި އެމެރިކާ ސިފައިން ގުޅިގެން ކުރިއަށް ގެންދަމުންދިޔަ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދު ކަނޑާލާފައި އަލުން ވަނީ ފަށާފައެވެ.

ސީރިއާއަކީ އެތައް ގައުމެއް ބައިވެރިވާ ހަނގުރާމައިގެ މައިދާނެކެވެ. ދާހިލީ ހަނގުރާމައިގެ ސަބަބުން ސީރިއާގެ އެތައް ރައްޔިތުންނެއް މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލި، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުވަދު

    އެމެރިކާ ބޭނުންވީމާ ބޭނުން މީހަކު ބޭނުން ވަގުތެއްގަ މާރާލާ . އެކަން ބަލާނެ ފަރާތެއްނެތް. ތި އެމެރިކާވެސް އަދި ސައިޒްވާނެ.

  2. ޖުހާ.

    އައި އެސް އާ އެމެރިކާ ތިއީ އެކައްޗެއް. މުޅިދުނިޔެ ފަސާދަކުރާ ބައެއް. ނިމުން ވަރަށް ހިތިވާނެ.