ސީރިއާގެ އިދްލިބް އަވަށުގެ އަލް އާސީ ކޯރު ތެރެއަށް އުޅުނު އާއިލާއެއްގެ ފަސް މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އެ ކޯރަށް އެރި އުޅުމުގެ ތެރޭގައި ގެނބުނު މީހަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެކަކު އަނެކަކު ސަލަމަތް ކުރަން އުޅެނިކޮށެެވެ.

ސީރިޔާގެ ސިވިލް ޑިފެންސް ޓީމުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިޔާވި މީހުންގެ ތެރޭގައި ދެ ފިރިހެނުންނާއި އަންހެނަކާއި އެއް އާއިލާއެއްގެ ދެ ކުޑަކުދިން ހިމެނޭ ކަމަށެވެ.

އެ ހުރިހާ ކަމެއް ފެށުނީ އެއް ކުއްޖަކު ގެނބިގެން އުޅެނިކޮށް އެ ކުއްޖާ ސަލާމަތް ކުރަމުން ދަނިކޮށެވެ. މިގޮތުން އެ ކުއްޖާ ގެނބުމާއެކު ދަރިފުޅު ސަލާމަތް ކުރަން ބައްޕަ ޑައިވް ކުރިއެވެ. ނަމަވެސް ބާރުގަދަ އޮއެ ވަރުގެ ސަބަބުން އޭނާވެސް ގެނބުނެވެ. އާއިލާގެ ކޮންމެ މެމްބަރަކު ވެސް އެކަކު އަނެކަކު ސަލާމަތް ކުރަން މަސައްކަތް ކުރިއިރު، އެންމެ ފަހުން އެ އާއިލާގެ ފަސް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ސިވިލް ޑިފެންސްގެ ވޮލަންޓިއަރެއް ކަމަށްވާ ސަމޭރު އަބްޖީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެއް އާއިލާއަކުން ފަސް މީހަކު ގެއްލިގެން ދިޔުމަކީ ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

އެ އާއިލާއަކީ ޖިސްރު އަލް ޝުއޫރު ސަރަހައްދުގެ އަލް ސުކަރިޔާ އަވަށަށް ނިސްބަތްވާ އާއިލާއެކެވެ. އެ އާއިލާގައި ހިމެނެނީ 60 އަހަރުގެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން، 12 އަހަރާއި 15 އަހަރުގެ ދެ ކުދިންގެ އިތުރުން 25 އަހަރުގެ ޒުވާނެކެވެ.