ދަތް ނެގުމުގެ އޮޕަރޭޝަނެއްގައި ސީރިއާގެ ނުވަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ސީރިއާގެ ކެޕިޓަލް ދިމިޝްގުގެ މެޑިކަލް ކްލިނިކެއްގައި ދަތް ނެގުމުގެ އޮޕަރޭޝަނެއްގައި ސީރިއާގެ ނުވަ އަހަރުގެ ކުއްޖަކު ނިޔާޥެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ އަށް ފަރުވާ ދެމުން ދިޔަ ދެ ޑޮކްޓަރުން ދިމިޝްގު ދޫކޮށް ވަނީ ފިލައިފައެވެ.

މި ހާދިސާއާ ގުޅިގެން މީސް މީޑިއާގައި އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިކަމާއި މެދު މީހުންގެ ނުރުހުން އަމާޒުވެފައި ވަނީ މެޑިކަލް ގޯސްތަކުގެ ސަބަބުން މީހުން މަރުވުން އާންމުވަމުން ދާތީއެވެ.

ޒީން އަލް އަބީދީން ނަމަކަށް ކިޔާ އެ ކުއްޖާ ނިޔާވެފައި ދަތް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެނެސްތީސިއާއާ ގުޅުން ހުރި މެޑިކަލް މައްސަލައެއްގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޒީން ސާޖަރީ ހަދަން ޖެހުނީ ދަތް ވެއްޓުން ލަސްވާތީ އެކަމަށް ހައްލެއް ހޯދުމަށެވެ. އޭނާގެ ބައްޕަ އަހްމަދު އިބްރާހިމް ކިޔައިދިން ގޮތުގައި އެނެސްތެސިއޮލޮޖިސްޓުން އޭނާއަށް އެންގީ އެ ޕްރޮސީޖާގެ ތެރޭގައި ޒީން ކުޑަ ވަގުތުކޮޅަކަށް ލޯ ހުޅުވާލި ކަމަށެވެ. އަދި އޭގެ ފަހުން ދެވަނަ ފަހަަރަށް އިންޖެކްޝަން ދިން ކަމަށެވެ.

އޭގެ ފަހުން އެބްރަހީމަށް ފެނުނީ އެނެސްތެސިއޮލޮޖިސްޓް ޒީން އަލުން ހޭއަރުވަން މަސައްކަތް ކުރާ ތަނެވެ. ނަމަވެސް އޭނާ އެއްވެސް ވަރަކަށް ހަރަކާތެއް ނުދައްކައިރު، ނުރައްކާތެރި މިންވަރަކަށް އޮކްސިޖަން ލެވެލް ދަށްވި ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެމްބިއުލާންސް އަންނަން 45 މިނެޓު ނެގިއިރު، ޒީންގެ އޮކްސިޖަން ލެވެލް ދަށަށް ދިޔަ ކަމަށްވެސް ބުންޏެވެ.

އަދި ހޮސްޕިޓަލުގައިވެސް އޭނާ ހޭއަރުވަން މަސައްކަތް ކުރި ނަމަވެސް ޒީންއަށް ލިބުނު ނިއުރޮލޮޖިކަލް ގެއްލުމެއްގެ ސަބަބުން ފަހުން އޭނާ ވަނީ ނިޔާވެފައެވެ.

އިބްރާހިމް ވަނީ މެޑިކަލް ސެންޓަރާއި ޒިންމާދާރު ދެ ޑޮކްޓަރުންގެ ދެކޮޅަށް މައްސަލަ ހުށަހަޅައިފައެވެ. މިއާއެކު އެ ކްލިނިކް ވަގުތީ ގޮތުން ބަންދުކޮށް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.