އުރުދުންގެ ޒަރްކާގައި ހުންނަ ގެއަކުން ބަރުދަނުގައި 400 ކިލޯ ހުރި އުމުރުން ތިރީހަކަށް އަހަރުގެ އަންހެނަކު ކާމިޔާބުކަމާއެކު ނެރެފިއެވެ.

މިކަން ކޮށްފައި ވަނީ އުރުދުންގައި ހިންގި އާދަޔާ ހިލާފު ރެސްކިއު އޮޕަރޭޝަނެއްގައި ޒަރްކާ ސިވިލް ޑިފެންސްގެ 20 މެމްބަރުންގެ ޓީމެއްގެ މަސައްކަތުންނެވެ.

އެ އަންހެން މީހާ ގޭގައި ބަންދުވެގެން ހުންނަތާ 16 އަހަރު ވަނީ ވެފައެވެ. އަދި އޭނާ ފަލަކަމުން ސަބަބުން އެޕާޓްމެންޓުން ނުކުމެ އާދައިގެ ދިރިއުޅުމެއް އުޅެން ވެސް ވަނީ ހުރަސް އެޅިފައެވެ.

އެ އަންހެން މީހާގެ އެޕާޓްމެންޓް ހުރީ އެ އިމާރާތުގެ ދެވަނަ ފަންގިފިގައެވެ. މިއާއެކު އެ މީހާ އެތަނުން ސަލާމަތް ކުރުމަށް ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. ނަމަވެސް ޒަރްކާގެ ޑިފެންސްގެ މަސައްކަތުން ރައްކާތެރިކަމާއެކު އެ އަންހެން މީހާ ވަނީ އެ ގެއިން ނެރެ އަންމާން ގައި ހުންނަ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

ބަރުދަނާ ގުޅުންހުރި މައްސަލަތަކަށް މިހާރު ވަރަށް ބޮޑަށް ބޭނުންވާ ފަރުވާ އޭނާއަށް އެ ހޮސްޕިޓަލުން ލިބިގެން ދާނެއެވެ. އަދި މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ދިއުމުގެ ދަތުރުގެ ފެށުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިކަމާއި ހެދި ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ އެ އަންހެން މީހާ ވަނީ ފަލަވުމުގެ ސަބަބުން އެތައް އަހަރެއް ވަންދެން އެކަހެރިވެ އުޅެން ޖެހުމުގެ ސަބަބުން ދިމާވި ހިތާމަތަކަށް ފަހު އެންމެ ފަހުން ގެއިން ނުކުމެވޭތީ އުފާފާޅުކޮށްފައެވެ.