ސީރިޔާއިން ޖޯޑަންއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޑްރޯނެއް ވައްޓާލައިފިއެވެ.

މީގެ ކުރިންވެސް ވަނީ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޑްރޯންތަކެއް ވައްޓާލާފައެވެ. މިއަދު ވައްޓާލި ޑްރޯންގައި ޖޯޑަންއަށް އެތެރެކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތުއެވެ.

އުރުދުންގެ އަސްކަރިއްޔާއިން ބުނީ، ވައްޓާލެވުނު ޑްރޯނުން އުފުލަމުން ދިޔަ މަސްތުވާތަކެތި ކަމާބެހޭ އިދާރާއާ މިޙާރު ހަވާލު ކޮށްފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

މީގެކުރިން ޑްރޯންތައް ވައްޓާލަމުން ގެންދިޔަ ނަމަވެސް، މިއީ ކްރިސްޓަލް މެތު އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށް އޮފިޝަލުން ބުނެއެވެ. މީގެ ކުރީގެ ހާދިސާތަކުގައި އަތުލެވިފައި ހުރީ ހަތިޔާރުގެ އިތުރުން މަސްތުވާތަކެތީގެ އެކިބާވަތްތަކެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުރުދުން އަކީ، މަންޓި ބިލިއަން ޑޮލަރުގެ އަގު ކުރެވޭ މަސްތުވާތަކެތި އެކިއެކި ތަންތަނަށް ޓްރާންސިޓް ކުރުމަށް ސްމަގްލަރުން ބޭނުން ކުރާ މަގެކެވެ. އާންމު ގޮތެއްގައި އެ މަގުން ސްމަގްލް ކުރާ މަސްތުވާތަކެއްޗަކީ ސީރިއާގައި އުފައްދާ އެމްޕެތަމައިން ނުވަތަ ކެޕްޓަގަން ކަމަށް ވެސް ބުނެއެވެ.

އުރުދުންގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯތްތައް ބުނާގޮތުން މަސްތުވާތަކެއްޗާއި އެނޫންވެސް ސްމަގްލިން އާ ގުޅޭ ކަންކަން ހުއްޓުވުމަށް އުރުދުން އާއި ސީރިއާގެ އަސްކަރީ އޮފިޝަލުން ބައްދަލު ކޮށް މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، ސީރިއާގެ ވެރިން އެދެވޭ ފިޔަވަޅުތަކެއް ނާޅައެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެފައި ވަނީ ޑްރަގް ޓްރެފިކިންގައި ސީރިއާގެ ދައުރެއް ނޯންނާނެ ކަމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެގަމުންވެސް ގެންގުޅެނީ އަރަބި އެެހެން ގައުމުުތަކުގައި ވެސް ގެންގުޅޭ ސިޔާސަތު ކަމަށެވެ.

ރައީސް ބައްޝާރު މިހެން ވިދާޅުވިއިރު އެޤައުމަކީ ގިނަ އަދަދެއްގެ ހަގުރާމަވެރިންނާއި ގަބީލާތައް މިހާރުވެސް ހަރަކާތްތެރިވަމުންދާ ޤައުމެކެވެ. ސީރިއާގެ ބައެއް ސަރަހައްދުތަކަކީ، ބައްޝާރުގެ ސަރުކާރުގެ ކޮންޓްރޯލް ހިނގާ ސަރަހައްދުތަކެއް ނޫނެވެ.

ސީރިއާ ހަނގުރާމައާ ހެދި އެގަމު އަރަބި ލީގުން ވަކިކޮށްފައި އޮންނަތާ 12 އަހަރަށް ފަހު އަލުން އެ ލީގަށް ވެއްދި އެއް ސަބަބުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނުން ހިމެނެއެވެ.

އުދުރުންގެ އޮފިޝަލުން ބުނީ، ހުސްވި ޖޫން މަހުން ފެށިގެން މިހާތަނަށް ބޯޑަރު ހުރަސް ކުރި 3 ޑްރޯނެއް ވައްޓާލާފައި ވާ ކަމަށާއި އޭގެ ތެރެއިން އެއް ޑްރޯންގައި އުފުލީ ހަތިޔާރު ކަމަށެވެ.