ޖޯޑަންގެ ވަލީއަހްދު ހުސެއިން ބިން އަބްދުﷲ ދެވަނަ ކައިވެނި ކުރައްވައިފިއެވެ. ވަލީއަހްދު ހުސެއިން ކައިވެނި ކުރެއްވީ ސައުދީ އަރަބިއްޔާގެ އަންހެން ބޭކަނބަލެއް ކަމަށްވާ ރަޖްވާ އަލްސެއިފް އާއިއެވެ.

ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރި، މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ރަޖްވާ އަކީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އާއި ވެސް އާއިލީ ގުޅުން އޮންނަ ބޭކަނބަލެކެވެ. ރަޖްވާ އާއި ވަލީއަހްދު މުހައްދު އާއި އާއިލީ ގުޅުން އޮންނަނީ ވަލީއަހްދު މުހައްމަދުގެ މައިފުށުންނެވެ.

ވަލީއަހްދު ހުސެއިން އާއި ރަޖްވާގެ ކައިވެނީ އޮތީ ޖޯޑަންގެ ވެރިރަށް އައްމާން ގައެވެ. އަރަބި ގައުމުތަކުގެ ޝާހީ އާއިލާތަކުގެ މެންބަރުންނާއި ސަރުކާރުތަކުގެ އިސްވެރިންގެ އިތުރުން އިނގިރެސިވިލާތުގެ ވަލީއަހްދު ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް ވެސް ކައިވެނީގެ ހަފްލާގައި ބައިވެރިވިއެވެ. އަދި އެމެރިކާގެ ފަސްޓްލޭޑީ ޖިލް ބައިޑެން ވެސް އެހަފްލާގައި ބައިވެރިވިއެވެ.

އުމުރުން 28 އަހަރުގެ ވަލީއަހްދު ހުސެއިން ކައިވެނި ބައްލަވައިގެންނެވި 29 އަހަރުގެ ރަޖްވާ އަކީ އާކިޓެކްޗަރެކެވެ. ރަޖްވާ ތައުލީމް ހާސިލް ކުރެއްވީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ ސައިރަކޯސް ޔުނިވަސިޓީންނެވެ.

ރަސްގެފާން އަބްދުﷲ 1999 ވަނަ އަހަރު ރަސްކަމަށް އިސްވުމަށްފަހު ވަލީއަހްދެއްގެ ގޮތުގައި ފުރަތަމަ އައްޔަން ކުރީ އެއްބަފާ ކޮއްކޮ ހަމްޒާ އެވެ. ނަމަވެސް 2004 ވަނަ އަހަރު ވަނީ ހަމްޒާ ވަލީއަހްދުގެ މަގާމުން ވަކިކޮށް ދަރިކަލުން ހުސެއިން ވަލީއަހްދުގެ މަގާމަށް އައްޔަން ކޮށްފައެވެ.

ޖޯޑަންގެ ރަސްގެފާން އަބްދުﷲ ދެވަނައިގެ ތިއްބެވީ ހަތަރު ބޭފުޅުންނެވެ. އެއީ ވަލީއަހްދު ހުސެއިންގެ އިތުރުން 18 އަހަރުގެ ހުޝީމް ބިން އަބްދުﷲ އާއި 26 އަހަރުގެ އިމާން ބިންތު އަބްދުﷲ އާއި 22 އަހަރުގެ ސަލްމާ ބިންތު އަބްދުﷲ އެވެ. އަބްދުﷲ ގެ އާއިލާ އިން 1921 ވަނަ އަހަރުން ފެށިގެން އަންނަނީ ޖޯޑަންގެ ވެރިކަން ކުރަމުންނެވެ.