އަަރަބި ގައުމުތައް ހިމެނޭ ޖަމިއްޔާ "އަރަބި ލީގު" މެންބަރެއްގެ ގޮތުގައި ކުރިން އޮތް ސީރިއާ އަލުން އެޖަމިއްޔާގެ މެންބަރަކަށް ހަދަން ނިންމައިފިއެވެ. އަރަބި ލީގުން ސީރިއާ ސަސްޕެންޑް ކުރީ އެގައުމުގައި ދާހިލީ ހަނގުރާމައެއް ފެށުމުން މީގެ ދިހަ އަހަރު ކުރިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްދާ އަރަބި ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި މިއަދު ވަނީ ސީރިއާގެ ސަސްޕެންޝަން އުވާލަން ވޯޓު ނަގާފައެވެ.

އަރަބި ލީގަށް ސީރިއާ އަނބުރާ ގެންނަން މިނިންމީ ސައުދީ އަރަބިއްޔާ އިން ސީރިއާ އާއި އޮތް ގުޅުން ރަނގަޅު ކުރަން މަސައްކަތް ފެށިފަހުންނެވެ. ސައުދީ އަރަބިއްޔާ އަކީ އަރަބި ދުނިޔޭގައި އޮތް އެންމެ ނުފޫޒުގަދަ އެއްގައުމު ކަމަށް ވާތީ ސީރިއާ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ރަނގަޅުވާ މަންޒަރު ފެނުމުން އަރަބި ލީގުން ސީރިއާއަށް ދެން ފުރުސަތު ލިބިދާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.

އަރަބި ލީގަށް ސީރިއާގެ މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން މިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާ، ޖޯޑަން، އިރާގު އަދި މިސްރުގެ ޑިޕްލޮމެޓުން ވަނީ މިދިޔަ ހަފްތާގައި ސީރިއާގެ ޑިޕްލޮމެޓުންނާއި ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ބައްޝާރުލް އަސަދުގެ ވެރިކަމާއި ދެކޮޅަށް ސީރިއާގެ ރައްޔިތުން 2011 ވަނަ އަހަރުގެ މާޗް މަހު ނިކުތުމުން އޭރު އަރަބި ލީގުން ވަނީ ވެރިކަމުން އިސްތިއުފާ ދިނުމަށާއި ރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް ގޮވާލާފައެވެ. އޭގެފަހުން އަދިވެސް ސީރިއާގެ ދާހިލީ ހަނގުރާމައަށް ނިމުމެއް ނާދެއެވެ. ހަނގުރަމައިގައި ބައި މިލިއަނެއްހައި ރައްޔިތުން މަރުވެފައި ވާއިރު 23 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ނަމަވެސް ސައުދީ އަރަބިއްޔާ އާއި އަދި އަރަބި އެހެން ގައުމުތަކުން ވެސް މިހާރު ބުނާ ގޮތުގައި ސިޔާސީ ހިޔާލު ތަފާތުވުންތައް ދޫކޮށްލުމަށް ފަހު އެކުގައި މަސައްކަތް ކުރަން އެބަޖެހެއެވެ.

ސައުދީ އަރަބިއްޔާ އިން ވަނީ މިދިޔަ މަހު އިރާނާއި ވެސް އަލުން ހާރިޖީ ގުޅުން ގާއިމު ކޮށްފައެވެ. އެހެންކަމުން ސީރިއާ އަަދި އީރާނާއި އަރަބި ގައުމުތަކުގެ ގުޅުން ރަނގަޅު ވެގެން އައުން އެއީ މެދުއިރުމައްޗަށް ހާރިޖީ ގޮތުން ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ހާއްސަކޮށް މެދުއިރުމަތީގައި އޮތް އެމެރިކާގެ ބާރު ދަށަށް ގޮސް ޗައިނާ އިން މެދުއިރުމަތީގައި ބާރުގަދަ ކުރާ މަންޒަރު ފެނިގެން ދާނެ ކަމަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    މަރުހަބާ

    5
    1
  2. ފަލާޙް

    ޢަރަބި ލީގަކީ ބައިނަލް އަޤުވާމީ ނިދާ ސްޓޭޝަން! މި ޢަރަބި ލީޤުން ނިންމުނުކަމެއް، އެޅުނު ފިޔަވަޅެއް ކުރެވުނު ކަމެއް ޙަރާމް ބަހަބަރު!