ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިިވަންކުރަން ސްޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން އޭނަގެ ކުރީގެ އަނބިކަނބަލުން އަދި މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ޖެމިނާ ގޯލްޑް ސްމިތް އުފާ ފާޅުކޮށްފިއެވެ.

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އިމްރާން ޚާން މިނިވަން ކުރުމުން އޭނާގެ ކުރީގެ އަނބިކަނބަލުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެންމެ ފަހުން ހަޤީގަތް ހާމަވެއްޖެކަމަށެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ގޯލްޑްސްމިތް އާއި އިމްރާން ޚާން ކައިވެނި ކުރެވިގެން ގޮސްފައި ވަނީ 1995 ވަނަ އަހަރުގައެވެ. ކައިވެންޏަށް 9 އަހަރު ފަހުން ދެމަފިރިން ވަކިވިއިރު މި ދެމަފިރިންގެ ދެ ކުދިން ތިބެއެެވެ. އިމްރާން ޚާންގެ ދިރިއުޅުމުން ގޯލްޑްސްމިތް ދުރަށް ދިޔައީ އިމްރާން ޚާންގެ ސިޔާސީ މައިދާނަށް ނުކުމެ އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ޚާން ދުރުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ސަރުކާރާ ދެކޮޅު އެއްވުންތައް ބާއްވައި، އަވަސް އިންތިޚާބަކަށް ގޮވާލައްވައި މުޒާހަރާތައް ކުރަމުންނެވެ.

މި މަހުގެ 9 ވަނަ ދުވަހު ޕާކިސްތާނުގެ ފުލުހުން ހައްޔަރުކޮށްފައި ހުއްޓައި، އެ ގައުމުގެ ހައި ކޯޓުން ނެރުނު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އިމްރާން ޚާން ވަނީ މިނިވަންކޮށްފައެވެ.

އިމްރާން ވެރިކަމުން ދުރުކުރި ފަހުން އޭނާއާ ދެކޮޅަށް ވަނީ ދިހަވަރަކަށް މައްސަލަ ހުށަހަޅާފައެވެ. މީގެ ކުރިން ވެސް ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކުރަން އުޅުނަސް ސަޕޯޓަރުން ހުރަސްއެޅީއެވެ.

އަދި ހިނގާލުމެއްގެ ތެރެއިން އޭނާ އަށް ބަޑިން ހަމަލާދީ ޒަހަމް ވެސް ކޮށްލި އެވެ.

އިމްރާން އަވަހާރަކޮށްލަން ސިފައިންގެ ވެރިޔަކު ރާވާކަމަށް އިމްރާން ތުހުމަތުކުރެއްވުމުން އަސްކަރިއްޔާއިން އިއްޔެ ވަނީ އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް އިންޒާރު ދީފައެވެ.

ޕާކިސްތާނު ފުލުހުންގެ ތެރޭގައި އޮންނަ ޕެރަމިލިޓަރީ ލަޝްކަރުގެ ފުލުހުން ބާރުގެ ބޭނުންކޮށް އިމްރާން އެންމެ ފަހު ފަހަރަށް ހައްޔަރު ކޮށްފައި ވަނީ، ވެރިރަށް އިސްލާމް އާބާދުގެ ހައި ކޯޓުގައި އެ ދުވަހު އޮތް އަޑުއެހުމަކަށް ވަޑައިގެން އެ ކޯޓުގެ ކޮޓަރިއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އިމްރާން ޚާން ހައި ކޯޓަށް ވަޑައިގަތީ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑުއެހުމަކަށެވެ. ޕެރަމިލިޓަރީ ފުލުހުން އެ ކޮޓަރި ތެރެއަށް ވަދެގަތީ، އެ ކޮޓަރީގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިގެންނެވެ.

އޭނާގެ ފަރާތުން އެ މައްސަލަ އިސްލާމް އާބާދުގެ ހައި ކޯޓަށް ހުށަހެޅުމުން، މި މަހުގެ 11 ވަނަ ދުވަހު އެ ކޯޓުން ނިންމީ، ފުލުހުން ބާރުގެ ބޭނުންކޮށް އިމްރާން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.