ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ގައުމު ދޫކޮށް ފުރުން ޕާކިސްތާން ސަރުކާރުން މަނާ ކޮށްފިއެވެ.

ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފެޑްރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން ކުރާ ތަހްގީގަކާއި ގުޅިގެން އިމްރާން ފުރުން މަނާ ކުރަން އެއިދާރާ އިން ވަނީ އިމިގްރޭޝަން އާއި ބޯޑާ ކޮންޓްރޯލަށް އަންގާފައެވެ.

އިމްރާންގެ އިތުރުން އޭނާގެ އަނބިމީހާ ބުޝްރާ ބިބީ އާއި އިމްރާންގެ ޕާކިސްތާން ތެހްރީކް-އީ-އިންސާފު ޕާޓީގެ 500 އަށްވުރެ ގިނަ ސީނިއާ މެންބަރުން ވެސް ވަނީ ފުރުން މަނާ މީހުންގެ ލިސްޓްގައި ހިމަނާފައެވެ. އެހުރިހާ އެންމެންނަކީ ވެސް ތަފާތު މައްސަލަތަކާއި ގުޅިގެން ދައުވާތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.

އިމްރާން ފުރުން މަނާ ކުރުމުން އޭނާ ވަނީ ޕާކިސްތާން ސަރުކާރަސް "ޝުކުރު" އަދާކޮށް ޓްވީޓެއް ކޮށްފައެވެ. އިމްރާން ވިދާޅުވީ އޭނާ ޕާކިސްތާން ދޫކޮށް އެހެން ގައުމަކަށް ދިއުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. "ސަބަބަކީ އަޅުގަނޑުގެ އެއްވެސް މުދަލެއް، އެއްވެސް ވިޔަފާރިއެއް އެންމެ ކުޑަމިނުން ބޭންކް އެކައުންޓެއް ވެސް އެހެން ގައުމެއްގައި ނޯންނާނެ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޗުއްޓީއަކަށް ތަނަކަށް ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭނާ ދާނީ ޕާކިސްތާންގެ އުތުރުގެ ފަރުބަދަމަތީ ސަރަހައްދަށް ކަމަށެވެ. "އެއީ ދުނިޔެމަތީގައި އޮތް އަޅުގަނޑަށް އެންމެ ރީތި ސަރަހައްދު." އިމްރާން ވިދާޅުވިއެވެ.

އިމްރާން 2018 ވަނަ އަހަރުން 2022 ވަނަ އަހަރުގެ އޭޕްރީލް އާއި ހަމައަށް ވެރިކަން ކުރިއިރު އޭނާގެ ސަރުކާރުން ވެސް ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ގައުމުން ބޭރަށް ދަތުރު ކުރުން މަނާ ކޮށްފައެވެ.

އިމްރާންގެ މައްޗަށް ޕާކިސްތާންގެ ސަރުކާރުން ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. އެއިން މައްސަލައެއްގައި މެއި މަހުގެ 09 ވަނަ ދުވަހު އިމްރާން ހައްޔަރު ކުރުމުން ޕާކިސްތާންގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވިއެވެ. އެދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ވެސް މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.