ސިންގަޕޫރްގައި އެޕާޓްމެންޓް ކޮމްޕްލެކްސްއެއްގެ އަށް ވަނަ ބުރިން އަންހެނަކު ވެއްޓި މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އިމާރާތުން ވެއްޓިފައި ވަނީ ސްރީ ލަންކާއަށް ނިސްބަތްވާ އަންހެނެކެެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮޮތުގައި، މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި މި ހާދިސާގައި މަރުވި އަންހެން މީހާއަކީ ދަންކޮޓުވާއަށް ނިސްބަތްވާ މީހެކެވެ. އަދިި އެޕާޓްމަންޓް ވެރި ފަރާތުން އޭނާއަށް ފުރައްސާރަ ކުރި ކަމުގެ މައުލޫމާތު ގާތް އެކުވެރިންނަށް ދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެކަމާ ހެދި އެ އަންހެން މީހާ އަނބުރާ ލަންކާއަަށް ފޮނުވާ ދިނުމަށް، އެ ގޭގެ ވެރިފަރާތަށް އެންގި ނަމަވެސް، އެކަމުގައި އެ އަންހެން މީހާއަށް ފުރުސަތެއް ލިބިފައި ނުވާ ކަމަށްވެސް އެކުވެރިޔާ އާ ހަވާލާތީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އަންހެން މީހާގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް އިއްޔެ ސިންގަޕޫރުގައި ކުރިއަށް ގެންގޮސްފައިވާއިރު، އޭނާގެ އަނބުރާލަންކާއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އަންހެން މީހާ މަރުވި ސަބަބާ ގުޅޭ ގޮތުން އަދި ވަކި ނިންމުމަކަށް އައިސްފައި ނުވާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ މަރުގެ ތަހުގީގު ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ލަންކާގެ މިޝަނުން ތަހުގީގުތަކުގައި ހަރަކާތްތެރިވާ ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކާ ގުޅަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.