އަންނަ އަހަރުގެ ކޮޑް ސަމިޓް އިންޑިއާގައި ބޭއްވުމަށް ނިންމައިފިއެވެ.

ކޮޑް ސަމިޓް އެންމެ ފަހުން ބޭއްވީ ޖަޕާންގެ ހިރޯޝިމާގައި މި މަހުގެ ފަހުކޮޅެވެ. އެ ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް، ޖަޕާޏްގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އަދި އެމެރިކާގެ ރައީސް ޖޯއި ބައިޑެން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަމިޓްގައި މޯދީ ދެއްކެވި ވާހަކައިގައި އިންޑޯ ޕެސިފިކް ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަމަސްލަސްކަން ގާއިމު ކުރުމުގައި ކޮޑްގެ ލީޑަރުން މުހިންމު ރޯލެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހަމަޖެހުން ދެމެއްހެއްޓުމުގައި އެ ލީޑަރުން ދެމިތިއްބަވާނެ ކަމަށް ވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވި ގޮތުގައި އިންޑޯ ޕެސިފިކް ސަރަހައްދަކީ ވިޔަފާރި އާއި ކަންކަން ތައާރަފް ކުރުމާއި ކުރިއަށް ދިއުމުގެ މައި އިންޖީނެވެ. އިންޑޯ ޕެސިފިކް ސަރަހައްދުގެ ހަމަޖެހުމާއި ކާމިޔާބު ގުޅިފައިވަނީ މި ސަރަހައްދަށް އެކަނި ނޫން ކަމަށާއި އެއީ ދުނިޔެއާ ވެސް ގުޅިފައިވާ ކަމެއް ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ ނިރުބަވެރިކަމާއި ދެކޮޅަށް އަދި މެރިޓައިމް ސެކިއުރިޓީ އާއި މޫސުމާ ގުޅުން ހުރި ކަންކަމާއި ޑިޒާސްޓާ މެނޭޖްމަންޓާއި ސަޕްލައި ޗެއިން އަދި ހެލްތު ސެކިއުރިޓީ ފަދަ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

އަދި އަންނަ އަހަރު ކޮޑް ސަމިޓް އިންޑިއާގައި ބޭއްވޭ ކަމީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.