"ވަގުތު" އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ވަގުތު ފުޓްސަލް ޗެލެންޖު 2024" އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތް މި ފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައެވެ. މިފަހަރުގެ މުބާރާތުގައި 24 ޓީމަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ އައްޑޫ ސިޓީގެ 10 ޓީމަކަށާއި ފުވައްމުލައް ސިޓީގެ 10 ޓީމަކަށާއި އައްޑޫ އާއި ފުވައްމުލަކަށް ނިސްބަތް ނުވާ ހަތަރު ޓީމަކަށެވެ. މިފަހަރުގެ މުބާރާތުގައި ފުވައްމުލަކުގެ ޓީމުތައް ގްރޫޕް ސްޓޭޖް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުގައެވެ. އައްޑޫގެ ޓީމުތައް ގްރޫޕް ސްޓޭޖް މެޗުތައް ކުޅޭނީ އައްޑޫގައެވެ.

މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް"އެވެ. "ނެސޯ ހޯމް" ގެ އިތުރުން މިފަހަރު މުބާރާތް ބޭއްވުމަށް ގިނަ ބަޔަކު އެހީތެރިވާނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު މުބާރާތުގައި ވެސް ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން ވަނަ ހޯދާ ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މުބާރާތުގެ އެކި ވަނަތައް ހޮވުމަށް ހަމަޖެހިފައިވެއެވެ.

"ވަގުތު" އޮންލައިންގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބާއްވާ މުބާރާތުގެ އިތުރުން އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހަވާ އެރުވުމާއި އެހެނިހެން ހަރަކާތްތައް ވެސް ހިމެނެއެވެ.

"ވަގުތު" ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ މުބާރާތް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރެވެ. އެ މުބާރާތް ކާމިޔާބު ކުރީ އުސްގަނޑަ އެފްސީއެވެ.

"ވަގުތު" އޮންލައިން ވުޖޫދަށް އައީ މެއި 18، 2014 ގައެވެ.