އިރާނުގައި ފެޝަން ބުރުގާ އަޅައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން އުޅެނިކޮށް މަރުވި މަހުސާ އަމީނީގެ މަރު ރިޕޯޓް ކުރި އިރާނުގެ ދެ ނޫސްވެރިންގެ ޝަރީއަތް ފަށައިފި އެވެ.

އެ މަރު އެންމެ ފުރަތަމަ ރިޕޯޓް ކުރީ އިރާނުގެ އަންހެން ދެ ނޫސްވެރިން ކަމަށްވާ ނީލޫފަރު ހަމީދީއާއި އިލާހީ މުހައްމަދީ އެވެ.

އެ ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ޕްރޮޕެގެންޑާ ފެތުރުމާއި އަދި ސަލާމަތީ ބާރުތަކާއި ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިން ކަމުގެ ދައުވާ އެވެ.

އެ ދެ މީހުން ހައްޔަރު ކުރިތާ މިހާރު އަށް މަސް ވަނީ ވެފަ އެވެ،

އެ ދެ މީހުންގެ ޝަރީއަތުގެ ފަނޑިޔާރަކީ އަބުލް ގާސިލް ސަލަވާތީ އެވެ. ސަލަވާތީ އަކީ މަރުގެ ހުކުމް އިއްވުމުގައި އެންމެ ފާހަގަކޮށްލެވޭ އިރާނުގެ ފަނޑިޔާރެެކެވެ.

އެ ދެ ނޫސްވެރިންނަށް ވަނީ މި އަހަރުގެ ޔުނެސްކޯ ޕްރެސް ފްރީޑަމްގެ އެވޯޑްވެސް ލިބިފަ އެވެ.

މަހުސާ މަރުވީ އޭނާ ހައްޔަރުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޯމާއަކަށް ގޮސްފަ އެވެ.

އީރާނުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

ނަމަވެސް އީރާނުގެ ސަރުކާރުން އެކަން ދޮގު ކުރެއެވެ. ސަރުކާރުން ބުނާ ގޮތުގައި މަހުސާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް މަހުސާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވާނެ ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މަހުސާގެ މަރާ ގުޅިގެން އިރާނުގައި މިއިން ޒަމާނަކުވެސް ނުދެކޭ ވަރުގެ މުޒާހަރާތަކެއް ކުރިއަށް ދިޔަ އެވެ. އަދި އެ މުޒާހަރާތަކާއެކު އިރާނުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ވެސް އޭރު އޮތެވެ.

މިިދިޔަ ސެޕްޓެމްބަރު މަހު ފެށި އެ މުޒާހާރާ ފަހުން ވަނީ މަޑުޖެހިފަ އެވެ.