ޔޫކްރެއިންގެ ކަހޮވްކާ ޑޭމް، ގޮއްވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ އަގު 138 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނެފި އެވެ.

ރަޝިއާއިން ކޮންޓްރޯލް ކުރާ ޚާރުސަންގެ ރީޖަނަލް ސަރުކާރުގެ ޗެއާ އަންދުރޭ އެލެކްސީންކޯ ވިދާޅުވީ ޑޭމް ގޮއްވާލުމުން ލިބުނު ގެއްލުމުގެ އަގު 11.5 ބިލިއަން ރުބެލްސް ނުވަތަ 138 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ގެއްލުމުގެ އަގު އިތުރަށް ވެސް ބޮޑު ވުމުގެ ފުރުސަަތު އެބަ އޮތް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ކަހޮވްކާ ޑޭމް ގޮއްވާލުމާ ގުޅިގެން އެތައް ސަރަހައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ.

ޔޫކްރެއިނުން ތުހުމަތު ކުރާ ގޮތުގައި އެ ޑޭމް ގޮއްވާލީ ރަޝިއާ އިންނެވެ. ނަމަވެސް ރަޝިއާއިން ތުހުމަތު ކުރާ ގޮތުގައި ޔޫކްރެއިނުން އަމިއްލައަށް އެ ޑޭމް ގޮއްވާލީއެވެ.

ރަޝިއާއިން ކުރިން ބުނެފައިވާ ގޮތުގައި ޑޭމް ގޮއްވާލުމުގައި ސަބަބުތައް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރަޝިއާގެ ބާރުގެ ދަށުގައި މިހާރު އޮތް ކްރައިމިއާ ސަރަހައްދަށް ފެން ނުލިބޭ ގޮތް ހެދުން ހިމެނެއެވެ.

ކްރައިމިއާގައި ދެ މިލިއަން ރައްޔިތުންނަށް ފެން ލިބެނީ އުތުުރު ކްރައިމިއަން ކެނަލްއިންނެވެ. އަދި އެ ކެނެލްއަށް ފެން އަންނަނީ ކަހޮވްކާ ޑޭމްއިންއެވެ.

ޔުކްރެއިނުން މިދިޔަ ޑިސެމްބަރު މަހު ވަނީ އެމެެރިކާގެ ހައިމާސް ލޯންޗަރު ބޭނުންކޮށްގެން އެ ޑޭމްއަށް ހަމަލާ ދިނުމަށް ޓެސްޓްތަކެއް ވެސް ކޮށްފައެވެ.

ޑޭމް ގޮއްވާލުމުގެ ކުރިން ރަޝިއާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަސީލީ ނެބެންޒިއާ ވަނީ ޔުކްރެއިނުން އެ ޑޭމް ގޮއްވާލަން އުޅޭ ކަމުގެ އިންޒާރު ދެއްވައިފައެވެ.

ރަޝިއާއިން ޔުކްރެއިނަށް އަރައިގަތީ މިދިޔަ އަހަރުގެ ފެެބްރުއަރީ މަހުއެވެ. އޭގެ ފަހުން ރަޝިއާއިން ވަނީ އިރުމަތި ޔުކްރެއިންގެ ބޮޑު ބައެއް ހިފައިފައެވެ. ނަމަވެސް ޔުކްރެއިނުން ދަނީ ހުޅަނގުގެ ހަތިޔާރާއެކު ރައްދުދެމުންނެވެ. ނަމަވެސް ފަހަކަށް އައިސް ޔުކްރެއިނަށް ބޮޑެތި ނާކާމިޔާބީތަކާއި ކުރިމަތިލާން ޖެހިފައިވާ ކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު