ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ބައެއް ސަރަހައްދުތައް މިނިވަންކޮށް، ޔޫކްރޭން ސިފައިން އެސަރަހައްދުތަކުގައި ބާރުގަދަ ކުރަން ފަށައިފިއެވެ.

ރަޝިއާ އާއި ދެކޮޅަށް ޔޫކްރޭނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފެށިކަން އިއުލާން ކުރީ މީގެ ދެދުވަސް ކުރިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޔޫކްރޭންގެ ދެކުނު އިރުމަތީގެ ބައެއް އަވަށްތަކުން މިހާރު ރަޝިއާ ސިފައިން ފައްސާލައި، ޔޫކްރެން ސިފައިންގެ ބާރުގެ ދަށަށް ގިނަ އަވަށްތަކެއް ވަނީ ގެނެސްފައެވެ. ރަޝިއާ އިން ހިފާފައި އޮތް ބްލަހޮޑަންޓް ސަރަހައްދު ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް ގެނެސް އެސަރަހައްދުގައި ޔޫކްރޭންގެ ދިދަ ސިފައިން ނެގި މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު ޔޫކްރޭން ސިފައިން ވަނީ އާއްމު ކޮށްފައެވެ.

ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވީ އެގައުމުގެ ސިފައިން މިހާރު ހޯދަމުން ގެންދާ ކާމިޔާބީތައް ވަރަށް ފުރިހަމަ ކަމަށާއި ނަމަވެސް މިހާރު ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ އިތުރު މައުލޫމާތެއް އަދި ދެވެން ނެތް ކަމަށެވެ.

ޔޫކްރޭނުން ކުރިއެރުންތައް ހޯދަމުންދާ ކަމަށް ބުނި ނަމަވެސް ރަޝިއާ އިން އެކަން ދޮގު ކުރެއެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ދުޝްމަނުން ރަޝިއާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް ހަމަލާތައް ދޭން ފެށުމުން ރަޝިއާ ސިފައިން ރައްދު ހަމަލާތައްދީ ދުޝްމަނުން ފައްސާލާފައިވާ ކަމަށެވެ.

ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި މީޑިއާތަކަށް ހުރި ހުރަސްތަކުގެ ސަބަބުންނާއި ދެގައުމުގެ އަސްކަރިއްޔާ އިން ވެސް މައުލޫމާތު ފޯރުކޮށްދޭ ގޮތައް ބަލާއިރު މިނިވަން ފަރާތެއް މެދުވެރިކޮށް ޚަބަރުތަކުގެ ތެދުދޮގު ކަށަވަރު ނުކުރެވޭ ކަމަށް މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒެލެންސްކީ.

    ވީޑިއޯ ފޮޓޭޖެއް ދެއްކުންފިއަވާ އިތުރުކަމެއް އަހަރުމެން ނުކުރާނަން. އެއީ ގައުމީ މަސްލަހަތަށް ނުރައްކާވެދާނެތީ. އަސްލުގަ އަހަރުމެން މިތިބީ ނޭވާހޮޅިއަށް އެޅިފަ.

    3
    1
  2. ކޮރަލް

    ރަޝިޔާ ހަނގުރާމަ ކުރަނީ އެމެރިކާ އާ ޔޫރަޕް ގެ ޒަމާނީ ހަތިޔާރާ ދެކޮޅަށެވެ.

  3. އެންމެ އިންޗިއެއްވެސް ނެގުނުކަމަށް ގަބޫލު ކުރަން ވަރަށް ދަތި…