އަރަބި ކަނޑުގައި އުފެދުނު "ބިޕާޖޯއި" ތޫފާނުގައި، އިންޑިއާގެ މުމްބާއީން ކުއްޖަކު މަރުވެ، ދެ ކުއްޖަކު ކަނޑަށް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މަރުވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެެވެ.

އެގޮތުން އުމުރުން 12-16 އަހަރާއި ދެމެދުގެ ފަސް ފިރިހެން ކުއްޖަކު މުމްބާއީގެ ޖުހޫ ގޮނޑުދޮށަށް މޫދަށް ގޮސްގެން އުޅެނިކޮށް، ގެއްލުނެވެ. އޭގެ ތެރެއިން ދެ ކުއްޖަކު ސަލާމަތް ކޮށްފައި ވަނީ މަސްވެރިއެކެވެ. އެއް ކުއްޖަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރު ވެފައެވެ.

އެ ކުދިން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުން ދަނީ ދެ ކުއްޖެކެވެ.

ސިވިކް އޮފިޝަލުން ބުނެފައިވާގޮތުގައި އެ ކުދިން ހޯދުމަށް އޮޕަރޭޝަން ފަށާފައި ވަނީ ރޭ 8:20 ހާއިރުއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނައިޓް ސާޗްލައިޓާއި މެނީލާ ރޯޕާއި އެހެނިހެން ސާމާނު ބޭނުންކޮށްގެން ބަލައި ފާސްކުރި ނަމަވެސް ގެއްލުނު ފިރިހެން ކުދިން އަދި ފެނިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ތޫފާން ބިޕާޖޯއީ އަރަބި ކަނޑުގައި ގަދަވثو މުމްބާއީއަށް ވައިގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

މި ތޫފާނާއި ގުޅިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ތޫފާނުގެ ސަބަބުން އާންމުންނާއި މަސްވެރިން މޫދާއި ކައިރި ނުވުމަށާއި، މަހަށް ނުނިކުތުމަށް މީގެ ކުރިން ވެސް އިލްތިމާސްކޮށްފައެވެ.