ބޮޑު އޮޕަރޭޝަނެއް ކޮށްގެން ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބަރު ކިޑްނީ ހިލަ ނައްތާލައި، ސްރީ ލަންކާގެ ކޮލަމްބޯ އާމީ ހޮސްޕިޓަލުގައި ގިނިސް ވޯލްޑް ރެކޯޑްސް ފޮތުން ޖާގަ ހަދައިފިއެވެ.

ސްރީލަންކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި އޮޕަރޭޝަންގައި އިސްކޮށް މަސައްކަަތް ކޮށްފައި ވަނީ ކޮލަމްބޯ އާމީ ހޮސްޕިޓަލްގެ ޖެނީޓޯ ޔޫރިނަރީ ޔުނިޓްގެ ހެޑް ލެފްޓިނެންޓް ކާނަލް ޑރ. ކޭ ސުތަރްޝަން ކަމަށާއި، ކެޕްޓަން ޑރ. ޑަބްލިއުޕީއެސްސީ ޕަތިރަތުނާ އާއި ޑރ ތަމާޝާ ޕްރެމަތިލަކާވެސް މި އޮޕަރޭޝަންގައި ބައިވެރިވި ކަމަށެވެ.

އިތުރު ދެ ޑޮކްޓަރެއްވެސް ވަނީ މި އޮޕަރޭޝަންގައި ބައިވެރިވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޮލަމްބޯ އާމީ ހޮސްޕިޓަލުގައި އަސްކަރިއްޔާގެ ޑޮކްޓަރުން ނެގި ހިލައަކީ 13.372 ސެންޓިމީޓަރު ދިގު އަދި ބަރުދަނުގައި 801 ގްރާމް ހުރި ހިލައެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު ގިނިސް ވޯލްޑް ރެކޯޑްސް ގައިވާ ގޮތުން ދުނިޔޭގައި ފެނުނު އެންމެ ބޮޑު ކިޑްނީ ހިލަ އަކީ 2004 ވަނަ އަހަރު އިންޑިއާގައި މީހެއްގެ ހަށިގަނޑުން ނެގި 13 ސެންޓިމީޓަރުގެ ހިލައެކެވެ. އަދި މީހެއްގެ ހަށިގަނޑުން ނެގި އެންމެ ބަރު ކިޑްނީ ހިލަ އަކީ2008 ވަނަ އަހަރު ޕާކިސްތާނުގެ މީހެއްގެ ހަށިގަނޑުން ނެގި ބަރުދަނުގައި ހުރީ 620 ގްރާމް ހުރި ހިލައެކެވެ.