ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ ވެނެޒުއޭލާއަށް މިއަދު ބާރުގަދަ ދެވަނަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ މީގެ އިރުކޮޅެއްކުރިން، އެޤައުމުގެ އުތުރުގައި އޮންނަ ޖަޒީރާރަށްތަކެއް އެކުލެވޭ ސަރަޙައްދަކަށް މެގްނިޓިއުޑް މިންގަނޑުން 6.0 ގެ ބާރުމިނުގައި ބިމުގެ 115 ކިލޯމީޓަރު އަޑިންނެވެ. ނަމަވެސް މި ބިންހެލުމާއި ގުޅިގެން އެ ސަރަޙައްދަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ވެނެޒުއޭލާއަށް ދާދި ދެންމެއަކު ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވެސް އެޤައުމުގެ އުތުރުގެ ސަރަޙައްދަކަށް މެގްނިޓިއުޑް މިންގަނޑުން 7.3 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވަނިކޮށެވެ. މިއީ 1800 ވަނަ އަހަރުން ފެށިގެން ވެނެޒުއޭލާއަށް މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުން އައި ސަރަޙައްދަށް އިތުރު ބިންހެލުމެއް އައިސްފައިވަނީ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ،

މިއަދު ބިންހެލުންތައް އައި ސަރަޙައްދުގައި ވެނެޒުއޭލާ ސަރުކާރުގެ މުޙިންމު ބައެއް އިދާރާތައްވެސް ހުރެއެވެ. ބިންހެލުމުގެ ސަބަބުން އެ އިދާރާތައްވެސް ވަނީ ބަންދުކޮށްފައެވެ.

ވެނެޒުއޭލާއަށް މިއަދު ބާރުގަދަ ދެވަނަ ބިންހެލުމެއް އައިސްފައި މިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އާދަޔާއި ޚިލާފަށް ގިނައިން ބާރުގަދަ ބިންހެލުންތައް އަންނަމުންދާ ދަނޑިވަޅެއްގައެވެ. މިކަމަކީ ދުނިޔެ ކުރިން ނުދެކޭހައި ބާރުގަދަ ބިންހެލުމެއް އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތައް ކަމަށް ތަޖުރިބާކާރުން ކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުމަރު

    ދެން އިސާހިތަކު ދުނިޔެ ބަދަލުވެ މީސްތަކުން ހަދާނެގޮތް ހުސްވެދާނެ. ދެން ދައްޖާލު ފާޅުވެ ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް ޖެހެން ފަށާފާނެ