އަންހެނުން ރީތިވުމަށް ބޭނުން ކުރާ ސެލޫންތައް ހިންގުން އަފްޣާނިސްތާންގައި މަނާ ކޮށްފިއެވެ. މިއީ ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމާއި ހަވާލުވުމަށްފަހު އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި ޠާލިބާން ސަރުކާރުގެ ނިންމުމުގައި ބުނެފައި ވަނީ ބިއުޓީ ސެލޫންތައް އެއްމަސް ދުވަހަށް ބަންދު ކުރުމަށް އަންގާ ކަމަށެވެ. ނަމަވެސް މިވަގުތީ ނިންމުން ދާއިމީ ނިންމުމަކަށް ފަހުން ހަދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް މީޑިއާތަކުން ބުނެއެވެ.

"ބިއުޓީ ސެލޫންތައް ބަންދު ކުރަން އަދި އަންގާފައި ވަނީ އެއްމަސް ދުވަހަށް. މިވަގުތު އެނިންމުމަށް އިތުރު ބަދަލެއް އައިސްފައެއް ނެތް." ޠާލިބާނުންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ޠާލިބާނުން ބުނާ ގޮތުގައި ޖޫން 24 ވަނަ ދުވަހުން ފެށިގެން ނިންމި މިނިންމުމަކީ ޠާލިބާން ސަރުކާރުގެ ސްޕްރީމް ލީޑަރު މުއްލާ ހިބާތުﷲ އަޚްންޒާދާގެ އަމުރަށް ނިންމި ނިންމުމެކެވެ.

އަފްޣާނިސްތާންގައި ހަރަކާތްތެރިވާ އދ.ގެ މިޝަނުން ބުނީ ބިއުޓީ ސެލޫންތައް ބަންދު ކުރަން ޠާލިބާން ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ގައުމުގެ އިޤުތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން އަލުން ހޯދި ފަހުން ގްރޭޑް-6 އަށް ވުރެ މަތީ ގްރޭޑްތަކަށް އަންހެން ކުދިން ކިޔަވަން ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ. އަދި އާއްމު ތަންތަނަށް ނިކުމެ އުޅޭއިރު އަންހެނުން މޫނު ބުރުގާ އަޅަން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ.

އެމެރިކާ އިން ދިހަ އަހަރު ދުވަހު އަފްޣާނިސްތާން އަޅުވެތިކޮށް އެތައް ޓްރިލިއަން ޑޮލަރެއްގެ ފައިސާ ހަރަދު ކޮށްގެން ވެސް ޠާލިބާނުންގެ ބާރު އަފްޣާނިސްތާނުން ކަނޑުވައެއް ނުލެވުނެވެ. މިހާރު އެމެރިކާ އިން އަންނަނީ އަފްޣާނިސްތާންގެ ފައިސާތައް ބޭންކްތަކުގައި ހިފަހައްޓާ، އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ޠާލިބާނުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެފިޔަވަޅުތަކުގެ އަސަރެއް ޠާލިބާން ސަރުކާރަށް މާބޮޑަށް ކުރާނެ ކަމަކަށް ތަޖުރިބާކާރުން ނުދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބިއުޓީ ސެލޫނުގެ ބަދަލުގައި ކީރިތި ޤުރުއާން ކިޔަވާދޭ ތަންތަން ހުޅުވައިގެން ޤައުމުގެ އިޤުތިޞާދު ރަނގަޅުކުރެވިދާނެއެވެ. ބިއުޓީ ސެލޫނުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކިރިތި ޤުރުއާން ކިޔަވާދޭ ތަންތަނުން ވަޒީފާ ހަމަޖެއްސިދާނެއެވެ. ނަމަވެސް އދ އިން މިކަމަށް އެއްބަހެއް ނުވާނެއެވެ. އދ އިން ބޭނުންވާނީ ފަސާދަ އުފެއްދުމަށެވެ.

    7
    2
  2. އާދަނު

    މީހުން ދިރިއުޅުމަށް ކުރާ ޙަލާލު މަސައްކަތްތައްވެސް ހުއްޓުވަނީތަ؟

    2
    3
    • ބައެއް ހަލާލު ކަންކަން ހާލަތަށް ނުވަތަށް ނަތީޖާއަށް ބަލާ ހުއްޓުވުން ރަނގަޅުވާނީ ގައުމު ފަސާދަވުމަށްވުރެ،،،