ރަޝިއާގައި ހަރަކާތްތެރިވާ ވެގްނާ ގްރޫޕުން ގިނަ އަދަދެއްގެ ހަތިޔާރާއި ހަނގުރާމައިގައި ބޭނުންކުރާ ސާމާނު ރަޝިއާގެ އަސްކަރިއްޔާއާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވެގްނާ ސިފައިންގެ ބާރު ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ރަޝިއާ އިން މަސައްކަތް ކުރަމުންދާ އިރު، ވެގްނާ ގްރޫޕުން ވަނީ އެތައް ހާސް ޓަނެއްގެ ހަތިޔާރާއި ވަޒަން ރަޝިއާގެ ސިފައިންނާ ހަވާލުކޮށްފައެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ވެގްނާ ހަނގުރާމަވެރިން އަތުން 2،000 އަށް ވުރެ ގިނަ ސާމާނު ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި އެތައް ސަތޭކަ ޓޭންކާއި 2،500 ޓަނަށް ވުރެ ގިނަ ވަޒަން ހިމެނޭ ކަމަށެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ވެގްނާ އަށް ނިސްބަތްވާ ކަމަށް ބުނާ ބައެއް ބަރު އަސްކަރީ ހަތިޔާރުތައް އޮފިޝަލުން ބަލަމުންދާ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

އަސްކަރީ ސާމާނު ހަވާލުކުރުމުން ދޭހަވަނީ ވެގްނާގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން މިދިޔަ މަހު ރަޝިއާއެކު ހެދި އެއްބަސްވުމުގެ ބައެއް ކަންކަމަށް އަމަލު ކުރަމުންދާ ކަމެވެ.

ޕްރިގޯޒިން މިހާރު ހުރި ތަނެއް ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެގްނާގެ އެތައް ހާސް މެމްބަރުންނެއް އަދިވެސް ތިބީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ރަޝިޔާއިން ހިފާފައިވާ ސަރަހައްދުތަކުގައި ހުންނަ އެ ގްރޫޕްގެ ކޭމްޕްގައި ކަމަށް ބެލެވެއެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީއާ އެކު ކޮންޓްރެކްޓްތަކުގައި ސޮއިކުރަން ރާވާފައި ނުވާ ކަމަށް ބައެއް ކޮމާންޑަރުން ވަނީ މި ހަފްތާގައި ރަޝިއާގެ މީޑިއާއަށް ދިން އިންޓަވިއުތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު