ސްކްރީން އެކްޓާސް ގިލްޑް އާއި އަމޭރިކަން ފެޑަރޭޝަން އޮފް ޓެލެވިޝަން އެންޑް ރޭޑިއޯ އާޓިސްޓްސް (ސެގް-އެފްޓްރާ) ގުޅިގެން ހޮލީވުޑްގެ ސްޓޫޑިއޯތަކާއި ދެކޮޅަށް މުޒާހަރާ ކުރަން ފެށުމާއި ގުޅިގެން "ގްލޭޑިއޭޓާ" އަދި "އެވެޓާ" ފަދަ ފިލްމުތަކުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށް ބެލެވިއްޖެއެވެ.

އެންމެ ފަހަކަށް މިފަދަ ހަޅުތާލެއް ކޮށްފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރީގަން އިސްވެ ހުންނަވައިގެން ފެއްޓެވި ހަޅުތާލެވެ. 1960 ވަނަ އަހަރުގައި ބޭއްވުނު އެ ހަޅުތާލަށްފަހު ހޮލީވުޑްގައި ދުވަހަކުވެސް މިފަދަ މުޒާހަރާއެއް ބާއްވާފައި ނުވެއެވެ.

މިފަހަރުގެ މި މުޒާހަރާގައި ހޮލީވުޑްގެ ގިނަ އަދަދެއްގެ ސްކްރީން ރައިޓަރުންނާއި އެކްޓަރުން ބައިވެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސެގް-އެފްޓްރާ ޔޫނިއަން މެންބަރުންގެ ތެރޭގައި އެންޖެލީނާ ޖޯލީ، ޖޯނީ ޑެޕްއާއި ޓޮމް ކްރޫޒް ފަދަ އޭ ލިސްޓް ތަރިން ހިމެނެއެވެ.

މެރިލް ސްޓްރީޕް، ބެން ސްޓިލާ އަދި ކޮލިން ފެރެލް ވަނީ މި ހަޅުތާލަށް ތާއީދުކުރާ ކަން ހާމަކޮށްފައެވެ.

އިންޑަސްޓްރީ ވައައިޑް ޝަޓްޑައުން ކޮށްފައި ވަނީ މުސާރަ އާއި ފިލްމު ސްޓޫޑިއޯތަކާއި ސްޓްރީމިންގ ހިދުމަތްތަކާއި އެކު އާޓިފިޝަލް އިންޓެލިޖެންސްގެ އަސަރުތަކާއި ގުޅޭ ގޮތުން އުފެދިފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

ފައިދާ އިންސާފުވެރިކޮށް ބަހާލުމާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހައްގުތަކުގެ ވަށައިގެން މަސްލަހަތުގެ ރައްކާތެރިކަން އިތުރުކުރުމާއި ބެހޭ ގޮތުން ދެ ޔޫނިއަނުން އެއްބަސްވުމަކަށް އާދެވިފައި ނުވުމަކީ މި ހަޅުތާލު މެދުވެރިވުމުގެ މައިގަނޑު ސަބަބެވެ.

އިންފްލޭޝަނާއި އެއްވަރަށް ކޮންޓްރެކްޓްތައް ކުރިއަށް ގެންދިއުމާއި، ސްޓްރީމިން ޒަމާނުގައި ރެޒިޑިއުއަލް ޕޭމަންޓްތަކާއި، ފިލްމާއި ޓީވީ ޝޯތަކުގައި ކުރާ މަސައްކަތުގައި އެކްޓަރުންގެ ބަދަލުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާއި ދެކޮޅަށް ޔޫނިއަންތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ނިމިދިޔަ މޭ މަހުން ފެށިގެން ހޮލީވުޑްގެ ފިލްމުތަކަށް މިކަމުގެ އަސަރު ކޮށްފައިވެއެވެ. ސްކްރީން ރައިޓަރުން ވަނީ އިތުރަށް ސްކްރިޕްޓް ލިޔުން މަޑުޖައްސާލާފައެވެ.

އެހެންކަމުން، "ލޯޑް އޮފް ދަ ރިންގްސް" ފަދަ ސްްކްރިޕްޓް ނިމިފައިވާ ފިލްމުތަކުގެ މަސައްކަތް ކުރަން ޖެހެނީ ސެޓްގައި ވާހަކަ ލިޔުންތެރިޔާގެ އެހީއާއި ނުލާއެވެ.