ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ކީރިތި ގުރުއާން އަންދާލާ މުޒާހަރާތަކަށް ހުއްދަ ދިނުމާ ގުޅިގެން އުފެދުނު މައްސަލައިގައި ސްވިޑަން އިން އިރާނަށް ކަނޑައަޅާފައިވާ އާ ސަފީރަކު އެގައުމަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް ހުކުރު ދުވަހުގެ އިއުލާންކޮށްފިއެވެ.

"ތެހްރާނުގައި ސްވިޑެންގެ ސަފީރުގެ ދައުރު ނިމިފައިވާއިރު، ރައީސްގެ އަމުރާ އެއްގޮތަށް ކީރިތި ގުރުއާން އަންދާލުމާ ގުޅިގެން ސްވިޑަން ސަރުކާރުން ސީރިއަސް ފިޔަވަޅެއް އަޅަންދެން ސްވިޑެންގެ އާ ސަފީރަށް އީރާނަށް އެތެރެ ވެވުނަ ނުދޭނަން،" އީރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރު އަބްދުالله ދައުލަތުގެ މީޑިއާއަށް ވިދާޅުވިއެވެ.

އިރާންގެ ޚާރިޖީ ވުޒާރާއިން އިއުލާންކުރި ގޮތުގައި އިރާނުގެ ސަފީރު ވެސް ސްވިޑަންއަށް ނުފޮނުވާނެއެވެ. އޭނާ މިގޮތަށް އިއުލާން ކުރެއްވީ ތެހްރާންގައި ހުންނަ ސްވިޑަންގެ އެމްބަސީގެ ބޭރުގައި އެތައް ބަޔަކު ބޭއްވި މުޒާހަރާއަށް ފަހުއެވެ.

މުޒާހަރާގައި އެއްވި މީހުން ވަނީ އެ އިމާރާތަށް ބިހާއި ޓޮމާޓޯ އުކައި، ސްވިޑަންގެ ސަފީރު އިރާނުން ފޮނުވާލަން ޑިމާންޑް ކޮށްފައެވެ.

މީގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ ހުކުރު ނަމާދަށް ފަހު އެއްވެ، އީރާނުގެ ދިދަތައް އުފުލާލައި ކީރިތި ގުރްއާން ފޮތުގެ ކޮޕީތައް ހިފައިގެން ގޮސް އިހުތިޖާޖުކޮށްފައެވެ. އަދި ސްވިޑަންގެ އިތުރަށް އެމެރިކާ، އިނގިރޭސި ވިލާތާއި އިސްރާއީލަށް ފާޑު ކިޔަމުން ބައެއް ބައިވެރިން ވަނީ ސްވިޑަންގެ ދިދަ އަންދާލައިފައެވެ.

އީރާނުގެ ހުޅަނގު އުތުރުގެ ތަބްރީޒް، އިރުއުތުރުގެ މަޝްހާދު އަދި އެގައުމުގެ މެދުތެރޭގައި އޮންނަ އިސްފަހާން ފަދަ އިރާނުގެ ބޮޑެތި އެހެން ސިޓީތަކުގައި ވެސް މި މައްސަލާގައި މިފަދަ މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައިއެވެ.

ސްވިޑަންގައި ގުރުއާން އެންދީ އިރާގުގެ މުރުތައްދުވެފައިވާ މީހެކެވެ.

ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން އެންދީ އީދު ދުވަހު ސްވިޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަންމަދު

    ކީރިތި ގުރުއާން ގެ މުސްޙަފު ތައް ނުގެންގޮސް ކޮޕީތައް ގެންދިޔައީ ގުރުއާން މުސްޙަފު ތައް މުޒާހަރާގަ ބޭނުންކުރުމުން
    ގުރުއާނަށް ކުރެވޭ އިހުތިރާމު ކުޑަވެދާނެތީދޯ؟