އިޓަލީގެ މިލާން އިން އެމެރިކާގެ ނިއު ޔޯކްއަށް ދަތުރު ކުރަމުންދިޔަ ޑެލްޓާ އެއާލައިންގެ މަތިންދާ ބޯޓެއް ނައްޓާލިތާ މާގިނަ އިރުތަކެއް ނުވެ އެމާޖެންސީގައި ރޯމް އަށް ޖައްސައިފިއެވެ.

ނިއު ޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޯޓަށް ވަރަށް ބޮޑަށް ގުޑުން އަރައިގެން ދިޔައެވެ. މިއާއެކު ބޯޓުގެ މިސްރާބު ރޯމަށް ބަދަލުކުރިއިރު، ބޯޓަށްވެސް ގެއްލުންތަކެއް ވެގެން ގޮސްފައި ވެއެވެ.

މިދިޔަ ހޯމަ ދުވަހު މި ހާދިސާ ހިނގިއިރު މި މަތިންދާބޯޓުގެ ކަނާތް ފަރާތުގެ ފިޔައާއި އިންޖީނާއި ރެޑޯމްގެ އިތުރުން ފިޔަގަނޑަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މަތިންދާބޯޓު ޖެއްސީ ފުރިތާ 65 މިނެޓު ފަހުންނެވެ. މި ހާދިސާގައި ބޯޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ފެންނަނީ ބޯޓުގެ ކުރީކޮޅާއި ފިޔަގަނޑުގައި ބޮޑެތި ބާތަކެއް ހެދިފައި ހުންނަ ތަނެވެ.

އޭބީސީ ނިއުސް އިން ބުނި ގޮތުގައި 215 ފަސިންޖަރުންގެ އިތުރުން ތިން ޕައިލެޓުންނާއި އަށް ފްލައިޓް އެޓެންޑެންޓުން ތިބި މި ފްލައިޓް ރައްކާތެރިކަމާއެކު ރޯމްގައި ޖެއްސިއިރު، މި ބޯޓަށް ގުޑުން އަރަން ފެށީ ބޯޓު ނައްޓާލިތާ 15 މިނިޓް ފަހުން ކަމަށް ބައެއް ދަތުރުވެރިންނާއި ހަވާލާތީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޑެލްޓާ އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނީ މިލާނުން ނިއު ޔޯކް-ޖޭއެފްކޭއަށް ދަތުރުކުރި ޑެލްޓާ ފްލައިޓް 185 ރޯމަށް ބަދަލުކުރީ މޫސުމާ ގުޅުންހުރި މެއިންޓެނެންސް މައްސަލައެއް ދިމާވެގެން ކަމަށެވެ.

ފްލައިޓް ރައްކާތެރިކަމާއެކު ރޯމަށް ޖެއްސި އިރު، މެއިންޓެނެންސްގެ މުވައްޒަފުން ދަނީ މަތިންދާބޯޓުގެ ފުރިހަމަ އިވެލުއޭޝަނެއް ހަދަމުންނެވެ.