އެމެރިކާގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަފުތާއަކު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު 10 ޕަސެންޓަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. މިއީ ޑިސެމްބަރު މަހުން ފެށިގެން މި އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

ސީޑީސީން ބުނީ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 7،109 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ.

އަދި މިދިޔަ ހަފުތާގެ ޖުލައި 21 ވަނަ ދުވަހާއި ހަމައަށް އިމަޖެންސީ ރޫމަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން އެވްރެޖްކޮށް 0.73 އިންސައްތަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، މިއީ ޖޫން މަހުގެ 21 އެ މުއްދަތާއި އަޅާކިޔާއިރު އެވްރެޖްކޮށް 0.49 އިންސައްތައިގެ އިތުރުވުމެކެވެ.

އެމެރިކާގައި ކޮވިޑްގެ އެންމެ ފަހު ރާޅަށް ފަހު މުޅި ގައުމުގައި އެ ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް މަޑުޖެހިފައިވާތާ އެތައް މަހެއް ފަހުން މި އަދަދުތައް ވަނީ އިތުރުވެފައެވެ.

ސީޑީސީގެ ތަރުޖަމާނު ކެތުލީން ކޮންލީ ވިދާޅުވީ، ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މިންވަރު ގާތްގަނޑަކަށް ހުރިހާ ކައުންޓީއެއްގައި ވެސް އޮތީ "ދަށް" ހާލަތެއްގައި ކަމަށާއި، މިއީ ވައިރަސް ކޮންޓްރޯލް ކުރުމަށް ސީޑީސީން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދޭ މިންވަރަށް ވުރެ ދަށް މިންވަރެއް ކަމަށެވެ.

އެ ގައުމުގައި ކޮވިޑް ޖެހިގެން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ހުރީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑް ކުރެވިފައިވާ މިންވަރަށް ވުރެ މާ ދަށުގައެވެ. 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ހޫނު މޫސުމުގައި ކޮވިޑް ޖެހިގެން ހަފުތާއަކު 44،000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނެވެ.

އެމެރިކާގައި މިހާތަނަށް 107,481,826 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، 1,169,682 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ.

    ކޮބާ ތިއަޖެހި ވެކުސިންތަކުން ވީކަމެއް. މީހުންގެ ބޮލަށް ބާޠިލު އެއީ ހައްގުކަމަށް ދައްކައިގެން އިންސާނުންނަށް ދިންއަނިޔާ. ފުރަބަންދުކޮށްގެން ބަނގުރޫޓުކޮށްލި ވިއަފާރިތައް. މަރުވެގެންދިއަ ކުށެއްނެތް ފުރާނަތައް.