ޓައިވާނަށް އެމެރިކާއިން 345 މިލިއަން ޑޮލަރުގެ އަސްކަރީ އެހީއެއް ދޭން ނިންމައި، ޗައިނާއިން އަމިއްލަ އަށް ވެރިކަން ކުރާ އެ ރަށަށް ދޭ ތާއީދު އިތުރުކޮށްފިއެވެ.

މި ޕެކޭޖުގައި ދިފާއީ ލިޔުންތަކާއި އަސްކަރީ ތައުލީމާއި ތަމްރީނު ހިމެނޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ވައިޓް ހައުސްގެ އިއުލާނުގައި ފޯރުކޮށްދޭނެ ހަތިޔާރާއި އާލާތްތަކާ ބެހޭ ގޮތުން ތަފްސީލެއް ދީފައި ނުވި ނަމަވެސް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެ ސަޕްލައިތަކުގެ ތެރޭގައި ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްތަކާއި ކުދި ހަތިޔާރު ފަދަ ތަކެތި ހިމެނޭނެ ކަމަށެވެ.

މި އިއުލާނާ ގުޅިގެން ބެއިޖިންއިން ވަނީ ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާން ޗައިނާގެ މެއިންލޭންޑާ ކުރަން ޖެހިއްޖެނަމަ، ބާރުގެ ބޭނުން ކޮށްގެން ވެސް އެކަން ކުރާނެ ކަމަށް ވައުދުވެފައެވެ.

ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުން ހުއްޓާލައި ޓައިވާން ކަނޑުއޮޅިގައި ނުތަނަވަސްކަން އުފެދިދާނެ އާ ކަންތައްތަކެއް އުފެއްދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން ދެވަނަ ފަހަރަށް ބޮޑެތި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސް، ޓައިވާނުގެ އައްސޭރިފަށުގެ ކައިރިއަށް އެތައް ހަނގުރާމަމަތީ އުޅަނދަކާއި މަތިންދާބޯޓުތަކެއް ފޮނުވާފައެވެ.

ފާއިތުވި އަހަރުތަކުގައި ޓައިޕޭއަށް އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީއެއް ދިނުމަށް ވޮޝިންޓަނުން ހުއްދަ ދީފައިވާއިރު، އޭގެ ތެރޭގައި 2026 ވަނަ އަހަރުގެ ނިޔަލަށް 66 އެފް-16 ފައިޓާ ޖެޓް ފޯރުކޮށްދިނުމަށް 8 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

ވޮޝިންޓަން އިން އެންމެ ފަހުން އެހީގެ ޕެކޭޖެއް ދީފައި މިވަނީ، ރަޝިއާގެ ހަމަލާއަށް ފަހު ޔޫކްރޭނަށް ވޮޝިންޓަނުން ދިން އެހީތެރިކަން ރަމްޒުކޮށްދޭ އާލާތްތައް ފޯރުކޮށްދިނުމުގެ އަވަސް މެތަޑެއް ކަމަށްވާ އެމެރިކާގެ އަސްކަރީ ސްޓޮކުން ޓައިވާނަށް އެހީ ހޯދުމުގެ ހުއްދަ އެމެރިކާގެ ކޮންގްރެސްއިން ބައިޑަންއަށް ދީފައި ވަނިކޮށެވެ.