ޗައިނާ އިން ކުއްލި ގޮތަކަށް ބޮޑު އަސްކަރީ ތަމްރީނެއް ފަށައިފިއެވެ. މި ތަމްރީން ކުރިއަށް ގެންދަނީ ޓައިވާންގެ ވަށައިގެން އޮތް ކަނޑުގެ ސަރަހައްދުގައެވެ. ޗައިނާ އިން މި ތަމްރީންތައް ފަށާފައި މިވަނީ އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާންގެ ވެރިން އެމެރިކާގައި މަޝްވަރާ ބައްދަލުވުމެއް ފެށި ދަނޑިވަޅާއި ދިމާކޮށެވެ.

ޗައިނާ އިން ފެށި އަސްކަރީ ތަމްރީނާއި ގުޅޭ ގޮތުން ޗައިނާ އިން ބުނީ މިއީ ހަގީގީ ހަނގުރާމައެއްގެ ހާލަތައް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީނެއް ކަމަށެވެ. "ކުރިއަށް ގެންދަނީ ޕެޓްރޯލް އެކްސަސައިޒެއް. މިއީ ކަނޑުގެ ސިފައިންނާއި، ހަނގުރާމަމަތީ ފްލައިޓްތަކުގެ ކޯޑިނޭޝަން އިތުރުކޮށް، އެފަރާތްތަކުގެ އަސްކަރީ ގާބިލްކަން އިތުރުކޮށް އަދި ވައިގެ މަގުންނާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން އިތުރު ކުރަން ކުރިއަށް ގެންދާ ތަމްރީނެއް." ޗައިނާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ޓައިވާނުން ގަބޫލު ކުރާ ގޮތުގައި އެއީ މިނިވަން ގައުމެކެވެ. ނަމަވެސް ޓައިވާނަކީ ޗައިނާ އާއި ވަކިން އޮންނަ، ޗައިނާގެ ރަށެކެވެ. ޓައިވާންގެ ސަރުކާރު ހިންގުމުގައި ޗައިނާގެ ކޮންޓްރޯލެއް މިހާރު ނެތް ނަމަވެސް ޓައިވާންގެ ކޮންޓްރޯލް ހޯދަން ޗައިނާ އިން ހަނގުރާމައެއް ވެސް ފަށާފާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

އަސްކަރީ ތަމްރީންތަކާއި ގުޅިގެން ޓައިވާނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޓައިވާނުން ބުނާ ގޮތުގައި މި އަސްކަރީ ތަމްރީނަކީ އެއްވެސް އަސާސެއް ނެތް، އަދި ޓައިވާނަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ ގޮތުން ޗައިނާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެކެވެ.

އެމެރިކާ އާއި ޓައިވާނާއި ދެމެދު ރަސްމީ ގުޅުމެއް ނެތް ނަމަވެސް ޓައިވާނުން މިނިވަން ވަކި ދައުލަތެއް ގާއިމު ކުރަން ކުރަމުން އަންނަ މަސައްކަތައް އަބަދުވެސް ހިތްވަރުދީ، އެއްބާރުލުން ދެމުން އަންނަނީ އެމެރިކާ އިންނެވެ. އެމެރިކާގެ އެމަސައްކަތައް ދެކުނު ކޮރެއާއި ޖަޕާނުން ވެސް ވެވެން އޮތް އެހީއެއްނަމަ ވެދެއެވެ. ސަބަބަކީ ޗައިނާގެ ބާރު ސަރަހައްދުގައި ވަރުގަދަ ވުމަށް ދެކުނު ކޮރެއާ އާއި ޖަޕާނުން ވެސް ބޭނުން ނުވުމެވެ.